އުތުރުގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އިން ބުނީ މިއަދުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، މެދުރާއްޖެ ތެރެއަށާއި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ. ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.
މެޓް އިން ބުނީ ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ބުންޏެވެ.
މެޓް އިން ބުނީ ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ހދ. ހަނިމާދޫއަށް ކަމަށެވެ. އެގޮތުން ބޯކޮށް ވާރޭ ވެހުނު ރަށްތަކަކީ:
- ހދ. ހަނިމާދޫ - 55.2 މިލިމީޓަރު
- ހދ. މަކުނުދޫ - 46.7 މިލިމީޓަރ
- ށ. ކޮމަންޑޫ - 28.7 މިލިމީޓަރު
- ރ. އަލިފުށި - 18.4 މިލިމީޓަރު









