ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ އިޞްލާޙުގެ ޕްލޭންގެ ތެރެއިން އެމަނިކުފާނުގެ މުސާރައިން %50 އުނިކުރުމަށް އަމިއްލަފުޅަށް ހުށަހަޅުއްވަން ނިންމަވައިފިއެވެ.
ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އެމަނިކުފާނު މުހިންމު ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާއިރު މިފަހުން އެމެރިކާއަށް ކުރެއްވެވި ރަސްމީ ދަތުރުފުޅުގައިވެސް ރައީސުން ތިއްބަވާ އަގުބޮޑު ލަގްޒަރީ އެކޮމޮޑޭޝަން ނެންގެވުމުގެ ބަދަލުގައި އެމަނިކުފާނު އިޚްތިޔާރުކުރެއްވީ ހޮޓެލް ރޫމެކެވެ.
މީގެ ކުރިގެ ސަރުކާރުން އދ ގެ ބައްދަލުވުމަށް ނިއުޔޯކަށް ވަޑައިގެންނެވިއިރު ގާތްގަނޑަކަށް 5 މިލިއަން ރުފިޔާ ޚަރަދުވިއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި ސަރުކާރުގެ ވަފްދުގެ ޚަރަދުތަކަށް އެރީ ދެމިލިއަނެއްހާ ރުފިޔާއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު މުސާރައިން ދެބައިކުޅަ އެއްބައި ރައްޔިތުންގެ ބޭނުންތަކަށް ޤައުމީ ބަޖެޓުގައި ބަހައްޓަވަން ނިނެމްވިއިރު، ސިޔާސީ މުވައްޒަފުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ބައެއް މުވައްޒަފުންނަށް ދެމުންދާ މުސާރައަށް ވެސް ބަދަލެއް ގެނައުމަށް 2025 ވަނަ އަހަރުގެ ބަޖެތަށް ހުށަހެޅުމަށް ވަނީ ނިންމަވާފައިކަން ފާޙަގަ ކުރެވެއެވެ.
ރާއްޖޭގެ މާލީ ދެމެހެއްޓެނިވިކަން ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފުރިހަމަ ފިޔަވަޅުތަކެއް އަޅުއްވަމުންދާއިރު، ސިޔާސީ މަޤާމުތަކުގައި ތިބި 228 މުވައްޒަފުން ވެސް ވަކިކުރުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.
އަންނަ އަހަރުގެ ބަޖެޓް ހުށަހަޅާއިރު އެމަނިކުފާނުގެ އަމިއްލަފުޅު މުސާރައިން ދެބައިކުޅަ އެއްބައި ބޭނުންފުޅު ނުވާކަމަށް އިޢުލާންކުރެއްވީ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވާނީ ނިންމާފައެވެ. މިގޮތުން މުސާރައާއި ގުޅޭ ގޮތުން ތިރީގައިވާ ފިޔަވަޅުތައް 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށްވާނީ ނިންމާފައެވެ.
- ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުން.
- ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)
- މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- .ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.
ރައީސް ކުރެއްވި އެކްސް ޕޯސްޓުގައި ވަނީ މި ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާވާނެ ކަމަށެވެ.

?t=wvistNekzfWC2_XpUEOg1g&s=08









