ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުގައި ރިއަލް މެޑްރިޑުން ފަހަތުން އަރައި މޮޅުވެއްޖެއެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ 5-2 ގެ ނަތީޖާއަކުން މެޑްރިޑަށް ހިތްހަމަޖެހުން ލިބިގެންނެވެ.
މެޗު ފަށައިގެން ފުރަތަމަ 34 މިނެޓުގައި ހީކުރި ގޮތާއި ޚިލާފަށް ޑޯޓްމުންޑުން ވަރަށް ރަނގަޅަށް ކުޅެ ދެލަނޑުގެ ލީޑެއް ނެގިއެވެ. އެއީ 30 ވަނަ މިނިޓުގައި ޑޮންޔެލް މާލެން ޖެހި ލަނޑާއި އަދި އޭގެ ހަތަރު މިނިޓު ފަހުން ޖެމީ ގިޓެންސް ޖެހި ގޯލެވެ.
ނަމަވެސް، ސާހީންގެ ޓީމަށް ދެވަނަ ހާފުގައި ކުރިމަތިވީ ތަފާތު ނުރައްކަލަކާއެވެ. ފަނަރަވަނަ މިނިޓުގައި ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޯށްފައެވެ. އެއާއިއެކު މެޑްރިޑަށް އިތުރު ހިތްވަރެއް ލިބި އޭގެ ދެމިނެޓްފަހުން ، 17ވަނަ މިނެޓުގައި ބުރެޒިލްގެ ހަލުވި ފޯވާޑު ވިނީޝިއަސް ޖޫނިއާ ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މި ނަތީޖާގައި ފަހު ދިހަމެނެޓާއި ހަމަޔަށް އޮތެވެ. ރިއަލްއަށް ކުރި ހޯދައިދިނީ 83 ވަނަ މިނިޓުގައި ލޫކަސް ވަޒްކޭޒް އެވެ. އޭގެފަހުން އިތުރު ލަނޑެއް ޖަހައި ނަތީޖާ 4 ލަނޑު 2 ލަނޑަށް ބަދަލުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ވިނީޝިއުސް ޖޫނިއާއެވެ. މިއީ މިމެޗުގައި ބުރެޒީލްގެ ތަރި ޖަހައިދިން ދެވަނަ ލަނޑެވެ.
މެޗު ފެށުމުގެ ކުރިން ވެސް ވިނީޝިއަސް ޖޫނިއާ އަކީ ގޮންޖެހުމެއް ކަމަށް ޑޯޓްމުންޑުގެ ކޯޗު ސާހީން ވަނީ ވިދާޅުވެފައެވެ.
https://www.khulaasaa.com/post/3260
ރޭގެ މެޗުގައި ވިނީޝިއަސް ޖޫނިއާ ހެޓްރިކް ހެދިއިރު ފަހު ގޯލު އޭނާ ޖެހީ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައެވެ.
ރޭގެ މި މޮޅާއެކު މެޑްރިޑަށް މިހާތަނަށް ކުޅުނު 3 މެޗުން ލިބުނު 6 ޕޮއިންޓާއަކު ތާވަލުގައި އޮތީ 9 ވަނައިގައެވެ. ޓޭބަލުގައި ޑޯޓުމުންޑު އޮތީ 5 ގައެވެ.









