ވިއެޓްނާމްގެ އައު ސްޓޭޓް ޕްރެޒިޑެންޓްގެ މަޤާމާ ލުއޮންގް ކުއޮންގް ހަވާލުވެވަޑައިގަތުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ކުއޮންގް މަޤާމުގެ ހުވާކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރި ތަހުނިޔާ ރައްދުކުރައްވާފައިވެއެވެ. އަދި ރައީސް ކުއޮންގްގެ ވެރިކަމުގައި ވިއެޓްނާމަށް ތަރައްޤީއާއި ކުރިއެރުން ލިބިގެންދާނެ ކަމުގެ ޔަގީންކަން ފާޅުކުރައްވާފައި ވެއެވެ.
ބައިނަލްއަޤްވާމީ މުހިންމު މައްސަލަތަކުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމުގައި ވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ވިއެޓްނާމްގެ ރައީސް ކުއޮންގްއަށް ކާމިޔާބީއާއި ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ވިއެޓްނާމްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުން ލިބެމުންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.









