މިއަދަކީ ދިވެހިރާއްޖޭގެ ޤައުމީ ޒުވާނުންގެ ދުވަސް ކަމުގައިވާއިރު، ސަރުކާރުން ވަނީ ޒުވާނުން ބާރުވެރިކުރުވުމަށް އެތައް ފުރުޞަތުތަކަކާއެކު އައު ޒަމާނެއް ފަށައިފިއެވެ.
ރާއްޖޭގައި ޒުވާނުންގެ ގޮތުގައި ބެލެވެނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނެވެ. މިއީ ރާއްޖޭގެ އާބާދީގެ 35 އިންސައްތައެވެ. މި މުހިންމު ބަޔަކީ ޤައުމަށް ފައިދާހުރި، ބާރުވެރި އަދި ކަންކަން ނިންމުމުގައި އަޑުއުފުލާ ބަޔަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ޒުވާނުންނަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައި، ޒުވާނުންނާބެހޭ ވަކި ވުޒާރާއެއް އުފައްދަވާފައިވެއެވެ. މީގެ އިތުރުން، ޒުވާނުންނާގުޅޭ ކަންކަމުގައި ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް "ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރސް" ގެ ނަމުގައި 15 މެންބަރުންގެ ބޯޑެއްވެސް އުފައްދަވާފައިވެއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފަރާތުން ޒުވާނުންގެ ތަރައްޤީގެ ޤައުމީ ސިޔާސަތު ކަނޑައަޅައި، އެ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި އަހަރުގެ ތެރޭގައި އެ ވުޒާރާއިން ވަނީ ގިނަ ތަމްރީން ޕްރޮގްރާމްތަކާއި ޒުވާނުންނަށް އެކި ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްތަކެއް ފަށްޓަވާފައެވެ.
މި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ "ޔޫތް ހެކް 2024" އެވެ. މި ހަރަކާތުގެ ދަށުން އަހަރަކު 100 ޒުވާނުން ފަންނިއްޔާތުގެ ދާއިރާއިން ތަމްރީން ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ޤައުމީ ފެންވަރުގައި ބޭއްވުނު "ޔޫތް ހެކަތަން 2024" ގައި 250 ޒުވާނުން ބައިވެރިވެ ވަނަ ހޯދާފައިވެއެވެ.
މި ހުރިހާ މަސައްކަތްތަކަކީ ޒުވާނުންނަކީ އުފެއްދުންތެރި، ފުދުންތެރި ދިރިއުޅުމެއްގައި އުޅެވޭނެ ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކެވެ. މިގޮތުން، ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދިނުމާއެކު ތަޢުލީމާއި ތަމްރީން ހޯދައިދީ، ބައިވެރިވުން އިތުރުކުރުމަށް އުފެއްދެވި ބޯޑާއެކު ޒުވާނުން ބާރުވެރިކުރުވުމުގެ އައު ޒަމާނެއް މިވަނީ ފެށިފައެވެ.









