ފަލަސްޠީނުގެ ޖަބަލިއާގައި ރަފާ ސިޓީގެ މެދާއި އުތުރަށް އަމާޒުކޮށް އިސްރާއީލުން އިއްޔެއާއި ރޭ ދިން ވައިގެ ޙަމަލާތަކުގައި ފަލަސްޠީނުގެ 18 މީހަކު ޝަހީދުވެ ގިނަ ބަޔަކު ޒަޚަމް ވެއްޖެއެވެ.
މަސްދަރުތަކުން ރިޕޯޓްކުރާ ގޮތުގައި އިސްރާއީލުގެ ސިފައިން ޑުރޯން އާއި ހަނގުރާމަމަތީ ޖެޓުތައް ބޭޏުންކޮށް ރަފާ ސިޓީގެ މެދާއި އުތުރުގައި އޮންނަ ޝަބޫރާ، ޚިރުބެތު އަލްއަދާސް އަދި އުރައިބާ ސަރަހައްދުތަކަށް ބޮން އެޅިއެވެ. އެ ސަރަހައްދުތަކުގައި ފަސް މީހަކު ޝަހީދުވި ކަމަށް މަސްދަރުތަކުން ބުނެއެވެ. މީގެ އިތުރުން ޚާން ޔޫނިސް ސިޓީގެ ހުޅަނގުން ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓަކަށް ޑްރޯނަކުން ބޮން އަޅައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެ އަނިޔާވެފައިވާ ކަމަށް ވެސް މަސްދަރުތަކުން ބުނެއެވެ.
ޖަބަލިއާ ކޭމްޕްގެ އަބޫ ރަޝީދު ޕޫލް ކައިރީގައި ހުންނަ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޔޫއެންއާރުޑަބްލިއުއޭ ކްރެއިޒެމް ސްކޫލުގެ ވަށައިގެން އިސްރާއީލްގެ ހަނގުރާމަ މަތިންދާބޯޓުތަކުން ބަޔަކު ސްކޫލުން ނިކުންނަނިކޮށް ބޮން އަޅައި، ހަތް މީހުން ޝަހީދުކޮށް ދިހަވަރަކަށް މީހުން ޒަހަމްވިއެވެ.
މަންޒަރު ދުށް މީހުންނާއި ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި ޖަބަލިއާ އަލް ބަލަދުގައި ފެން ހޯދަން ދިޔަ ގްރޫޕަކަށް އަމާޒުކޮށްވެސް ބޮން އަޅައި ހަ މީހަކު ޝަހީދުކޮށްލިއެވެ.
މަތިންދާބޯޓުތައް އަމާޒުކޮށްފައިވަނީ އަލް ސަފްތާވީ ސަރަހައްދުގެ ހުޅަނގުން އޮންނަ އަލް ޝާންތީ ބިމާއި، ޣައްޒާ ސިޓީގެ އުތުރުން އޮންނަ ޝެއިޚް ރަދުވާން އަވަށްޓެރި ސަރަހައްދަށެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ ހުކުރު ދުވަހު ފަތިހުން ފެށިގެން ޣައްޒާގެ ސަރަހައްދުގައި ވަކިވަކިން ހިންގި އޮޕަރޭޝަންތަކުގައި 26 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރެއިން 18 މީހުން ޝަހީދުވީ ޖަބަލިއާގައެވެ.









