ރިސާލަތު ޕްރޮގުރާމްގެ ދަށުން ހދ. ކުޅުދުއްފުށީގައި މިސްކިތު ދަރުސްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހުކުރު ދުވަހު ކުޅުދުއްފުށި މަސްޖިދުލް އަލްޙަޟާރާގައި ދަރުސް ނަންގަވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ވާޢިޡް އައްޝައިޚް އަބްދުލް ޤާދިރު މުޙައްމަދު ކަމަށެވެ. އަދި ކުޅުދުއްފުށި މަސްޖިދުލް ފިރުދަޢުސްގައި ދަރުސް ނަންގަވައިދެއްވީ ވާއިޡް އައްޝައިޚް އަލީ ޝަހީދު ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަޢުވަތުގެ ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން ރިސާލަތު ޕްރޮގުރާމަކީ ދީނީ ދަޢުވަތުގެ ކަންކަން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ރޭވިގެން ކުރިއަށް ގެންދެވޭ ޕްރޮގުރާމެއްކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން އިސްލާމް ދީނަށް ލޯބި އިތުރުކުރުމަށްޓަކައި މިނިސްޓްރީން އިސް ނަގައިގެން ވަރަށް ގިނަ ހަރަކާތްތައް ކުރިއަށް ގެންދަމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން މިސްކިތްތަކުގައި ޤުރުއާން ކްލާސްތައް ނަގައިދިނުމަށްވެސް މިހާރު ފަށާފައިވާއިރު، މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރުއާން އުނގަންނައިދިނުމުގެ ކްލާސްތައް ރާއްޖޭގެ 40 ވަރަކަށް މިސްކިތުގައި ކުރިއަށްދާ ކަމަށާއި، މިކަމުގެ ސަބަބުން ޤުރުއާން އުނގެނެން ބޭނުންވާ ދަރިވަރުންނަށް ފަސޭހަތަކެއް ލިބިފައިވާކަމަށެވެ.









