ބާސެލޯނާ ޓީމުން މި މަހުގެ 26 ވަނަ ދުވަހު ވާދަވެރި ރިއަލްމެޑްރިޑްގެ ދަނޑު، ސެންޓިއާގޯ ބާނެބެއުގައި ކުޅޭ ކްލެސިކޯގައި ޕޮޕް ރޮކް ބޭންޑް ކޯލްޑްޕްލޭގެ ލޯގޯ ޖަހާފައިވާ ސްޕެޝަލް އެޑިޝަންގެ ޖާޒީއެއް ލައިގެން ކުޅޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ނޮވެމްބަރު ދެވަނަ ދުވަހު އެ ކުލަބުގެ އަންހެންޓީމު އެއިބާއާ ދެކޮޅަށް ކުޅޭ މެޗަށް ވެސް ކޯލްޑްޕްލޭގެ ލޯގޯ ބޭނުންކުރާނެ އެވެ.
ލިމިޓެޑް އެޑިޝަންގެ ޖާޒީތައް ގަންނަން ލިބޭއިރު، ލިބޭ ފައިސާ ދާނީ ޔޫގަންޑާގެ ރެފިއުޖީ ކޭމްޕްތަކުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އަމާޒުކޮށްގެން ބާސާ ފައުންޑޭޝަންގެ ހަރަކާތަކަށެވެ. މިއީ ބާސެލޯނާ އާއި އެ ކްލަބުގެ ދަނޑާއި ޖާޒީ ސްޕޮންސަރު ސްޕޮޓިފައި އާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ތެރެއިން ކުރިޔަީށްދާ ކަމެކެވެ. އެގޮތުން މުހިއްމު މެޗުތަކުގައި މަޝްހޫރު މިއުޒިކް އާޓިސްޓުންގެ ލޯގޯ ނުވަތަ ނަން ޖާޒީތަކުގައި ފެންނަން ހަމަޖައްސާފައިވާ ކަމަށް ވެއެވެ.
ވޭތުވެދިޔަ ސީޒަންތަކުގައި ބާސެލޯނާގެ ޖާޒީތަކުގައި ރޯލިން ސްޓޯންސް، ރޮޒޭލިއާ، އަދި ޑްރޭކް ފަދަ އެހެން މިއުޒިކް ލެޖެންޑުންތަކެއް ފެނިގެން ގޮސްފައިވާއިރު، ފުޓްބޯޅަ އާއި މަޝްހޫރު ސަގާފަތް އެއްކޮށްލައިގެން ސަޕޯޓަރުންނަށް ތަފާތު ތަޖުރިބާތަކެއް ގެނެސްދީފައިވެ އެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ކްލަބުގެ މިއުޒިކާއި ގުޅުން ފުޅާކުރުމުގެ އިތުރުން، މަތީ ފެންވަރުގެ އެއްބާރުލުންތަކުގެ ތެރެއިން އިޖުތިމާއީ ކަންކަމަށް ވެސް އެހީތެރިވެދޭނެ ކަމަށް ބާސާގެ ފޭންޕޭޖަށް ކޮމެންޓުކުރާ ސަޕޯޓަރުންނާއި ޙަވާލާދީ ސްޕޭގެ ޚަބަރުތައް ބުނެއެވެ.








