މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސްކޫލްތަކަށް އަމާޒުކޮށްގެން ބާއްވާ ފުރަތަމަ ކެރިއަރ ފެއަރ މިއަދު ހުޅުމާލޭ ޣާޒީ ސްކޫލްކޫލުގައި ފަށައިފިއެވެ. މި ފެއަރ ފައްޓަވައިދެއްވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، އެމްއޭސީއެލްއަކީ ރާއްޖޭގެ ހުރިހާ އިންޑަސްޓްރީއެއްގައި ހަރަކާތްތެރިވާ މުވައްޒަފުން މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި، އެކުންފުނީގައި 52 ދާއިރާއެއްގެ މުވައްޒަފުން މަސައްކަތްކުރާ ކަމަށެވެ.
އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިތުރަށް ވިދާޅުވީ، މި ފެއަރގެ މަޤްޞަދަކީ އެމްއޭސީއެލްގައި ހުރި ވަޒީފާގެ ފުރުޞަތުތައް ސްކޫލް ދަރިވަރުންނަށް އަންގައިދީ، އެކުންފުނީގައި މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ދަރިވަރުންގެ މެދުގައި އުފެއްދުން ކަމަށެވެ.
ފެއަރ ފެށުމުގެ ރަސްމިއްޔާތުގައި ޣާޒީ ސްކޫލުގެ ޕްރިންސިޕަލް ބަޝީރާ ވަނީ ސްކޫލްތައް މުޖުތަމަޢާއި ގުޅުން ހަރުދަނާކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި މި ހަރަކާތް އިންތިޒާމުކުރުމަށް އެމްއޭސީއެލްގެ މެނޭޖްމަންޓުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.
މި ފެއަރގެ ތެރެއިން ލަކީ ޑްރޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށާއި، މި ލަކީ ޑްރޯއިން ހޮވޭ 20 ދަރިވަރަކަށް އެމްއޭސީއެލްގެ މަސައްކަތްތައް ބަލައި ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެކުންފުނިން މަޢުލޫމާތު ދެއެވެ. މި ފެއަރ ކުރިއަށްދާނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ.









