ރާއްޖޭގެ މަޝްހޫރު ސިއްޙީ މަރުކަޒެއް ކަމަށްވާ އީވް ކްލިނިކަށް އާސަންދައިގެ ޚިދުމަތް އަލުން ދޭން ފަށައިފިއެވެ. މިކަން އެ ކްލިނިކުން މިއަދު ވަނީ ރަސްމީކޮށް އާންމުކޮށްފައެވެ.
އީވް ކްލިނިކުން އާސަންދައިގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ. އެ ވަގުތު ޚިދުމަތް މެދުކަނޑާލީ ބަލަމުންދިޔަ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް، އެ މައްސަލަ ޙައްލުވުމާއި ގުޅިގެން މިހާރު ވަނީ އަލުން އެ ކްލިނިކަށް އާސަންދައިގެ ޚިދުމަތް ދޭން ފަށާފައެވެ.
އާސަންދަ ކޯޕަރޭޝަނުން 2022 ވަނަ އަހަރުން ފެށިގެން ދަނީ އާސަންދައިގެ ޚިދުމަތް ސަސްޕެންޑުކުރާ ތަންތަނުގެ ލިސްޓު އާންމުކުރަމުންނެވެ. މިގޮތުން، އީވް ކްލިނިކަކީވެސް ވޭތުވެދިޔަ ދެ މަސް ދުވަހު އެ ލިސްޓުގައި ހިމެނިފައިވާ ތަނެކަން ފާހަގަކޮށްލެވެއެވެ.








