ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނައިބު ރައީސްކަމުގެ މަޤާމަށް ޚާރިޖީ ވަޒީރު ޑރ. އިބްރާހިމް ޚަލީލް އިންތިޚާބުކޮށްފިއެވެ. ޚާރިޖީ ވަޒީރު އެ މަޤާމަށް އިންތިޚާބުކުރީ މިއަދު ބޭއްވުނު ޕީޕީއެމްގެ ސެނެޓްގެ ބައްދަލުވުމުގައެވެ.
ޕީޕީއެމްގެ ނައިބު ރައީސްގެ މަޤާމު ހުސްވެފައިވަނީ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ބަދަލުވެވަޑައިގަތުމާ ގުޅިގެންނެވެ.
ޑރ. ޚަލީލާއެކު ޕީޕީއެމްގައި މިހާރު ތިން ނައިބު ރައީސުން ތިއްބަވާނެއެވެ. އަނެއް ދެބޭފުޅުންނަކީ ދިފާޢީ ވަޒީރު ޣައްސާން މައުމޫނާއި މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
ޕީޕީއެމްގެ ގިނަ މަޤާމްތަކަށް ބޭފުޅުން އިންތިޚާބުކުރިއިރު، އެޕާޓީގެ ހުސްވެފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވަނީ އިންތިޚާބުކޮށްފައެވެ. އެންމެ ފަހުން އެ މަޤާމުގައި ހުންނެވީ މިހާރުގެ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ޠޮލާލްއެވެ.
ޕީޕީއެމްއަކީ ރާއްޖޭގެ ވެރިކަން ކުރަމުންދާ ޕީއެންސީއާ އެއް ކޯލިޝަނެއްގައި ހިމެނޭ ޕާޓީއެކެވެ.










