ރާއްޖޭގެ 29 ރަށެއްގައި މިސްކިތު ޤާރީ ކުލާސްތައް ފަށައިފިކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. މި ކުލާސްތަކުގެ މަޤްޞަދަކީ ގުރުއާން އުނގަންނައިދިނުމާއި، ޤުރުއާނުގެ ޢިލްމު ފެތުރުމެވެ.
ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ކުލާސްތަކުގައި އެެކި އުމުރުފުރާތަކުގެ ކުދިން ބައިވެރިވެ ޤުރުއާން އުނގެނެމުންދެއެވެ. ކުލާސްތަކުގައި ކިޔަވައިދެއްވަނީ މިސްކިތްތަކުގެ އިމާމުންނެވެ. އަދި މިއީ ހިލޭސާބަހަށް ޤުރުއާން އުނގަންނައިދިނުމަށް މަސައްކަތްކުރައްވާ އިމާމުންކަން ފާހަގަކޮށްލެވެއެވެ.
މިސްކިތު ޤާރީ ކުލާސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވީ، މި ކުލާސް ފެއްޓެވުމަށް ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ ގިނަ ރަށްތަކުގެ އިމާމުން ޤުރުއާން ކިޔަވައިދޭން ބޭނުންވާއިރު، އެ އިމާމުންނަށް ދިމާވާ ދައްޗަކީ ޤުރުއާން ކިޔަވައިދޭނެ ޖާގައެއް ނެތުން ކަމަށެވެ. އަދި މި ކުލާސްތަކަކީ އެ އިމާމުންނަށް ފުރުސަތެއް ފަހިވެގެންދާނެ ކުލާސްތަކަކަށް ވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ގުރުއާނުގެ ޢިލްމު ރާއްޖޭގައި މިހިސާބަށްވެސް އައިސްފައި ވަނީ އިހުޒަމާނުގައި ހިލޭ ސާބަހަށް އިމާމުންނާއި މުދިންމުންނާއި އެދުރުދައިތައިންނާއި އެދުރުބޭބެމެން ކޮށްދެއްވި ބުރަ މަސައްކަތާއި ޤުރުބާނީގެ ސަބަބުން ކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ވީހާވެސް ގިނަ ރަށްތަކެއްގައި މި ކުލާސްތައް ކުރިއަށް ގެންދިއުމަށެވެ. މިސްކިތު ޤާރީ ކުލާސްތައް ކުރިއަށްދަނީވެސް ދެސް ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނެގުމެއް ނެތިއެވެ.









