މަޝްހޫރު ބޭންޑް ވަން ޑައިރެކްޝަންގެ ކުރީގެ މެމްބަރެއް ކަމަށްވާ ލިއަމް ޕޭން (31 އަހަރު) އާޖެންޓީނާގެ ވެރިރަށް ބުއެނޯސް އައިރިސްގައި މަރުވެއްޖެއެވެ. ލިއަމް މަރުވެފައިވަނީ ޕަލެރްމޯ އަވަށުގެ ކޮސްޓަރިކާ ސްޓްރީޓްގައި ހުރި ހޮޓަލެއްގެ ތިން ވަނަ ފަންގިފިލާއިން ވެއްޓިގެން ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ.
ބުއެނޯސް އައިރެސް ފުލުހުންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، 14ބީ ޕޮލިސް ސްޓޭޝަންގެ ފުލުހުން އިއްޔެ މެންދުރު ހޮޓަލަށް ގޮސްފައިވަނީ މަސްތު ހާލުގައި ހުރި ކަމަށް ބެލެވޭ މީހަކާ ގުޅޭގޮތުން 911 އަށް ފޯނު ކޯލެއް ލިބުމުންނެވެ. ނަމަވެސް ފުލުހުންގެ ބަޔާނުގައި އެ މީހަކީ ލިއަމް ކަމަށް ސީދާ ބަޔާންކޮށްފައެއް ނުވެއެވެ.
ލިއަމް އާޖެންޓީނާއަށް ގޮސްފައިވަނީ އޭނާގެ ކުރީގެ ބޭންޑްމޭޓް ނިއާލް ހޯރަންގެ ކޮންސެޓެއް ބަލަން ކަމަށް މީޑިއާ ރިޕޯޓުތަކުން ދައްކައެވެ. އޮކްޓޯބަރު 2 ވަނަ ދުވަހު ބޭއްވުނު މި ކޮންސެޓުގައި ލިއަމް ބައިވެރިވި މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ފެތުރިފައިވެއެވެ.
ލިއަމް އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އިނގިރޭސި ވިލާތުގެ މަޝްހޫރު ބޭންޑް ވަން ޑައިރެކްޝަންގެ މެމްބަރެއްގެ ގޮތުގައެވެ. ހެރީ ސްޓައިލްސް، ޒޭން މަލިކް، ލުއީ ޓޮމްލިންސަން އަދި ނިއާލް ހޯރަން ވެސް ހިމެނޭ މި ބޭންޑް އެންމެ ފުރަތަމަ އުފެދުނީ ރިއަލިޓީ ކޮމްޕެޓިޝަން ޝޯ "ދަ އެކްސް ފެކްޓާ" ގެ ޔޫކޭ ވާޝަނުންނެވެ.
ލިއަމްގެ މަރުވުމުގެ ކުރިން، އޭނާ އިނގިރޭސިވިލާތުގައި އޭނާގެ 31 ވަނަ އުފަން ދުވަސް ފާހަގަކޮށްފައިވާ ކަމަށް އޭނާގެ ސްނެޕްޗެޓް އެކައުންޓުން ދައްކައެވެ.
މި ޚަބަރާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ލިއަމްގެ ފޭނުން ހިތާމަ ފާޅުކުރަމުންދާ ކަން ފާހަގަކުރެވެއެވެ.









