އަންނަ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފާއެއްގެ ގޮތުގައި ބާސާއިން، އާސެނަލްގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ ގެނައުމަށް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އާސެނަލް ދޫކޮށްލުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ޚަބަރުތައް ބުނާ ޕާޓޭ ގެންދަން ބާސެލޯނާ ބޭނުންވާއިރު، މާލީ ގޮންޖެހުންތަކުގެ ސަބަބުން ބާސާއިން ފޯކަސް ކުރަމުންދަނީ ބޮޑު ޓްރާންސްފާ ފީއެއް ނުނަގައި ތަޖުރިބާކާރު ކުޅުންތެރިން ހޯދުމަށެވެ.
އާސެނަލްގެ ކޮންޓްރެކްޓްގެ ފަހު އަހަރުގައި މިހާރު ކުޅެމުން އަންނަ ޕާޓޭ އަކީ ތަޖުރިބާ ކުޅުންތެރިއެކެވެ. އޭނާ ވަނީ މީގެ ކުރިން އެތުލެޓިކޯ މެޑްރިޑާއެކު ލަލީގާގައި ކުޅެފައެވެ. 2020 ވަނަ އަހަރު އާސެނަލް އައި ފަހުން އާސެނަލްގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު ނަމަވެސް، ޕާޓޭއަށް އަނިޔާގެ ސަބަބުން ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

އާސެނަލްގެ މިޑްފިލަޑަރު ތޯމަސް ޕާޓޭ. ޕާޓޭއަށް ބާސާ ފާރަލާއިރު، އާސެނަލްއިން މިދިޔަ އަހަރު ބުނީ ޕާޓޭ ޓީމުގައި ދެމިހުންނާނެ ކަމަށް.
ބާސެލޯނާ އިން ޕާޓޭ ދެކެނީ ސްކޮޑަށް ވަރުގަދަ އިތުރުވުމެއްގެ ގޮތުގައެވެ. ޔުވެންޓަސް އާއި ސައުދީ އަރަބިއްޔާގެ ޓީމުތައް ހިމެނޭ ގޮތަށް އެހެން ކްލަބުތަކުން އޭނާއަށް ޝައުޤުވެރިވާއިރު، ބާސާއަށް ލަލީގާގެ ތާރީޚާއި އަބުރުގެ ބޭނުން ހިފައިގެން އޭނާ ދަމައިގަނެވޭނެއެވެ.
ޓްރާންސްފާތަކަށް ބޮޑު ޚަރަދެއް ކުރުމުގެ ޤާބިލްކަން ހަނިވެފައިވާ ބާސާއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ބަލާއިރު، ޕާޓޭ ހޯދުމަކީ ސްމާޓް ފިޔަވަޅެކެވެ.









