ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތަކުގެ ތެރޭގައި ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ. މިގޮތުން، 1 ނޮވެމްބަރ 2024 އިން ފެށިގެން ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުމަށާއި، އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރުމަށް ވަނީ ނިންމާފައެވެ. މި ބަދަލުތައް ގެނައުމަށްޓަކައި ޤާނޫނަށް އިސްލާޙު ގެނައުމަށް މި ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ވެސް ވަނީ ނިންމާފައެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރަން އާދަވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ޤައުމީ ފެންވަރުގެ ކެމްޕޭނެއް ފެށުމަށްވެސް ވަނީ ނިންމާފައެވެ.
"ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމަޢަކަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އަޅުގަނޑު އެދެން." ރައީސް ވިދާޅުވިއެވެ.
މި ފިޔަވަޅުތަކަކީ ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންގެ އަދަދު މަދުކުރުމަށާއި، ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅާ މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ. ސަރުކާރުގެ މި ފިޔަވަޅުތަކާ ގުޅިގެން އާންމުންގެ ޚިޔާލު ތަފާތުވާނެ ކަމަށް ބެލެވޭއިރު، ޞިއްޙީ ދާއިރާގެ ފަރާތްތަކުން މިކަމަށް މަރުޙަބާ ކިޔާފައިވެއެވެ.









