ހޮނިިހިރު ދުވަހު އިސްރާއީލުން އަނެއްކާވެސް ހިންގީ ޤަތުލުޢާންމެއް ކަމަށް ލުބުނާނުގެ ޕަބްލިކް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ޕަބްލިކް ހެލްތު މިނިސްޓްރީން މިއަދު ބުނީ އޮކްޓޯބަރު 12 ވީ ހޮނިހިރު ދުވަހު އެގައުމުގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 51 މީހުން ޝަހީދުވެ 174 މީހުން ޒަހަމްވެފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން އެގައުމަށް ދިން ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 2،306 އަށް އަރާފައިވާއިރު، 10،698 މީހުން ޒަހަމްވެފައިވެ އެވެ.
ލުބުނާނުގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ވައިގެ އަދި އާޓިލަރީ ހަމަލާތައް ދެމުންދަނީ މީގެ ކުރިއާއި އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރުކޮށެވެ. މީހުން ދިރިއުޅޭ ގެތަކަށް ވެސް ދަނީ ގަސްދުގައި ހަމަލާތައް އަމާޒު ކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި ގިނަ މީހުންނަށް ސީރިއަސް ހާލަތްތަކެއް ކުރިމަތިވެފައިވާއިރު، އެކަން އިތުރަށް ގޯސްވަނީ ހޮސްޕިޓަލްތަކުގައި ސިއްހީ ސާމާނުގެ ވަރަށް ބޮޑަށް ދަތިވުމުންނެވެ.
އިސްރާއީލުގެ ހަމަލާތައް ހުއްޓުވައި، އަނިޔާވެފައިވާ މީހުންނާއި ގެދޮރު ދޫކޮށް ދިޔަ މީހުންނަށް ކޮންމެހެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައު ވަގުތުން ތަދައްޚުލްވުމަށް ލުބުނާނުގެ ޕަބްލިކް ހެލްތު މިނިސްޓްރީން ގޮވާލާފައިވެ އެވެ.









