މިސްކިތްތަކުގައި ހިންގާ "މިސްކިތު ޤާރީ ކްލާސް" ތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނައިބު އިބްރާހިމް އާސިމް ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ފަރާތްތަކުން ޤުރުއާން ކްލާސް ހިންގުމަށް އެދެމުންދާ ކަމަށެވެ. ނަމަވެސް، ކިޔަވައިދޭނެ ރަނގަޅު ތަނެއް ނެތުމަކީ އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުމެއް ކަމަށް އާސިމް ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމުގެ މަޤްޞަދަކީ ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދޭން ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ފަހިކޮށްދިނުން ކަމަށް އާސިމް ވިދާޅުވިއެވެ. އަދި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކިޔަވައިދޭ ފަރާތްތަކާއި ކައުންސިލްތަކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށާއި، ވުޒާރާއިން ކައުންސިލްތަކާއެކުވެސް އެއްބަސްވުމެއް އެކުލަވާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރުން، ކިޔަވައިދޭ ފަރާތްތަކަކީ ތަޢުލީމީ ގޮތުން ޤާބިލު ބޭފުޅުން ކަމަށާއި، ޤުރުއާނާ ބެހޭ މަރުކަޒުން މަހަކު އެއްފަހަރު އެ ފަރާތްތަކާ ބައްދަލުކޮށް މޮނިޓަރ ކުރަމުންދާނެ ކަމަށްވެސް އާސިމް ވިދާޅުވިއެވެ.
މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 32 ފަރާތަކަށް ޤުރުއާން ކްލާސް ހިންގުމުގެ ހުއްދަ ދެވިފައިވާއިރު، އޭގެ ތެރެއިން 29 ތަނެއްގައި މިހާރު ކްލާސްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ. މީގެ ތެރޭގައި 23 ރަށަކާއި 3 ޖަމްޢިއްޔާގެ އިތުރުން މާލެ ސަރަޙައްދުގެ 5 މިސްކިތް ހިމެނެއެވެ.









