އިސްރާއީލުން ލުބުނާނުގެ ދެކުނުގެ އަވަށެއް ކަމަށްވާ ރާމިއާ ހިފުމަށް ވަރުގަދަ ހަމަލާތަކެއްދީ އެތަނަށް އަތްގަދަކުރުމަށް މަސައްކަތް ފަށައިފިއެވެ.
ހިޒްބުﷲއިން ރާމިޔާގެ ދިފާޢުގައި މަސައްކަތް ކުރަމުންދާއިރު އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އިސްރާއީލުން ޕެލޭންކޮށްގެން ލުބުނާނަށް ހަމަލާ ދޭންފެށިފަހުން ، ރާމިޔާއަށް ހަމަލާދޭން މިފެށީ ލުބުނާނުގެ ދެކުނުގެ 23 އަވަށެއް ހުސްކުރުމަށް އަމުރު ކުރުމަށްފަހުގައެވެ.
ލުބުނާނުގެ އެތައް ހާސް ބަޔަކު އިސްރާއީލުން އަޅާ ބޮންތަކުގެ ތެރޭގައި ތާށިވެފައި ވަނިކޮށް. ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 2255 މީހުން ވަނީ ޝަހީދު ވެފައި ކަމަށް ލުބުނާނުގެ ސަރުކާރުން ބުނެއެވެ. ހެލްތު މިނިސްޓްރީން ބުނީ ޝަހީދުވި މީޙުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
ހިޒްބުالله އިން ވަނީ އިއްޔެ އެކަނިވެސް އިސްރާއީލުގެ އަމާޒުތަކަށް 320 ރޮކެޓް ހަމަލާތައް ދީފަ އެވެ. އިސްރާއީލުގެ ދިފާއީ ނިޒާމުތަކުން ބައެއް ރޮކެޓްތައް ހުއްޓުވި ނަމަވެސް ޔަހޫދީ އަވަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޔަހޫދީ ސަރުކާރުން ދަނީ ލިބުނު ގެއްލުންތައް ފޮރުވުމަށް މަސައްކަތް ކުރަމުންނެވެ.









