މިއަދުން ފެށިގެން ރާއްޖޭގެ މޫސުން ރަނގަޅުވާން ފަށާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ވިދާޅުވީ މިއަދާއި މާދަމާ ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރިނަމަވެސް ބޯކޮށް ވާރޭވެހި ވިއްސާރަކުރާނެކަމަށް ނުބެލެވޭކަމަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިގޮތުގައި ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ މިއަދުން ފެށިގެން މަޑުމަޑުން އަލިކުރަން ފަށާފައިވެއެވެ. އެގޮތުން ހޯމަ އަދި އަންގާރަ ދުވަހުވެސް މުޅި ރާއްޖެއަށް ކެރީގެ އަސަރު ކުރިނަމަވެސް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާނުކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. ކެރީގެ އަސަރު ބޮޑަށް ކުރާނެކަމަށް ބެލެވެނީ އިރުއޮއްސޭ ގަޑީގައާއި ދަންވަރުގެ ގަޑިތަކުގައިކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއްވިއެވެ.
މެޓް އޮފީހުން ވިދާޅުވިގޮތުގައި މުޅި ރާއްޖެއަށް ބަލާއިރު ވައިޖެހޭނީ 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.
މިހާރު ރާއްޖެއަށް ވިއްސާރަ އަލިކުރަމުންދިޔަ ނަމަވެސް މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާ ބަންދާ ދިމާކޮށް ދެކުނުގެ އަތޮޅުތަކަށް ވައި ބާރުވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. އެހެންނަމަވެސް ޢާއްމުގޮތެއްގައި މުޅި ރާއްޖޭގެ މޫސުންވެސް މިހަފްތާއިން ފެށިގެން ރަނގަޅުވާނެކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ









