ވައިބިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާ )މެޓް) އިން މިއަދު މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އިން ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް މެޓް އިން ބުންޏެވެ.
މެޓް އިން މަޢުލޫމާތު ދިންގޮތުގައި ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުން ބާރުގަދަވެ، ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ހޯމަ ދުވަހާ ހަމައަށް އާންމުކޮށް ވައި ގަދަކޮށް ހިފަހައްޓާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން މީގެ ކުރިން ބުންޏެވެ.
އުތުރާއި މެދު ރާއްޖެތެރޭ ސަރަޙައްދަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އިން ބުންޏެވެ. މިރޭވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އިން ބުންޏެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އިން ބުނިއެވެ.
މޫސުން ގޯސްވެފައިވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައެވެ.









