ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ހޯމަ ދުވަހާ ހަމައަށް އާއްމު ވައި ގަދަކޮށް ހިފަހައްޓާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އިން ބުނެފިއެވެ.
މެޓް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި އެވްރެޖްކޮށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދު ވައިޖެހި، ބޮޑު ބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި އެވްރެޖްކޮށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު، ބައެއް އަތޮޅުތަކަށް ގަދަ ވަޔާއެކު ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކުރެވޭކަމަށް މެޓް އިން ބުންޏެވެ.
މެޓް އިން ބުނީ ވިލާގަނޑުގައި ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އާންމުކޮށް އުދަ އަރާ ސަރަޙައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މެޓް އިން ބުންޏެވެ.
މެޓް އިން ބުނީ ރާއްޖެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއާއި ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވާ ކަމަށެވެ. އެއާއެކު ވޭތުވެދިޔަ ހަތަރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދަށް އާއްމުވައި ގަދަވެ، ވިލާގަނޑުގައި ވައި ވަރަށް ގަދަވެފައިވާކަމަށް މެޓް އިން ބުންޏެވެ.
މެޓް އިން ބުނީ ވިލާގަނޑުގައި އެންމެ ވައިގަދަވީ ބ. ދަރަވަންދޫގައި އިއްޔެ 23:10 ގައި ގަޑިއަކު 55 މޭލު ބާރު މިނަށް އަދި ހުޅުލެއަށް މިއަދު 5:40 ގައި ގަޑިއަކު 58 މޭލަށް އަދި 10:46 ގައި 61 މޭލު ބާރުމިނަށް ކަމަށެވެ. މި މުއްދަތުގައި އެންމެ ބޮޑަށް ވާރޭ ވެހިފައިވާކަމަށް ރެކޯޑުކުރެވިފައިވަނީ މި މަހުގެ އަށް ވަނަ ދުވަހު ޏ. ފުވައްމުލަކަށް 120 މިލިމީޓަރަށް ކަމަށް މެޓް އިން ބުންޏެވެ.
ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރުތައް ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މަޢުލޫމާތު ހޯދުމަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައެވެ.









