ރާއްޖޭގައި ބޭރުގެ ސިފައިން ބަހައްޓާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަވަމުން ގެންދާ ވާހަކަތަަކަކީ ސީދާ ކަނޑައެޅިގެން ދޮގެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ ބެންގަލޫރުގައި ދިވެހިންނާއި ބައްދަލުކުރައްވައި ރައީސް ވަނީ، ޤައުމުގެ ކަންކަން ދާޚިލީ ކޮންޓްރޯލްގެ ދަށުގައި އޮންނާނެކަން އަލުން ކަށަވަރުކޮށްދެއްވާފައެވެ.
އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ ޤައުމުގެ އިޤްތިޞާދީ އަދި ސަލާމަތީ އޮނިގަނޑުތައް އިތުރަށް ފުރިހަމަ ކުރުމަށް އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށްވާ "ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނަޝިޕް އޮން އިކޮނޮމީ އެންޑް މެރިޓައިމް ސެކިއުރިޓީ" ގެ ސްޓްރެޓެޖިކް މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނު ވަނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިސްތިޤްލާލަށް ނުވަތަ އިސްލާމީ އަގުތަކަށް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އޭގެ ބަދަލުގައި އިންޑިއާއަށް އެއްބާރުލުންދީގެން ރާއްޖޭގެ ޤާބިލްކަން އިތުރުކޮށް، އިޤްތިޞާދީ ގޮތުން ކުރިއެރުމަށް ބާރުވެރިކުރުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ރާއްޖޭގެ މުސްތަޤުބަލު އޮންނާނީ އަމިއްލަ ދިވެހި ރައްޔިތުންގެ އަތްމަތީގައި ކަމަށާއި، ބޭރުގެ ތަދައްޚުލުވުމަކުން އެއްކިބާވެގެންކަން ކަށަވަރުކޮށްދެއްވާފައެވެ.









