ދިވެހިރާއްޖެއިން މީހުން ގެންދާ ޖަމާޢަތަކުން، އުމްރާއަށް ގެންދިއުމާއި ގުޅޭ އުސޫލާއި އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ ބޮޑު ޢަދަދަކުން ޖުރިމަނާ ކުރެވޭ ގޮތަށް، ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާއި ބެހޭ އުސޫލެއް ހަދާ ގެޒެޓުކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއްޔެ ގެޒެޓުކުރި އުސޫލުގައިވާ ގޮތުން ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް 500,000 އާއި ހަމައަށް ޖުރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުންވެސް އުސޫލާއި ޚިލާފުވާ ފަރާތްތަކަށް ޖުރިމަނާގެ ބޮޑެތި އަދަބުތަކެއް އުސޫލުގައި ވަނީ ހިމަނާފައެވެ. އެގޮތުން ވުޒާރާއާއި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުންޏާމެދު ސޮއިކުރާ އެއްބަސްވުމާއި ކުންފުންޏަކުން ޚިލާފުވެއްޖެ ނަމަ، އެ މައްސަލައެއްގެ ކުޑަ ބޮޑު މިނަށްބަލާ 1,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން އެ ކުންފުންޏެއް ޖޫރިމަނާކުރެވެއެވެ.
އަދި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި، އެ އުސޫލާ ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލެއް ކޮށްފި ނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، 100,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެ އިތުރުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮތް ކުންފުންޏަކުން ހުއްދައިގެ މުއްދަތުގެ ތެރޭގައި މަކަރާއި ހީލަތް ހެދުމުގެ އެއްވެސް ޢަމަލަކާއި ގުޅޭ މައްސަލައެއް ހުށައަޅައިގެން އެ މައްސަލަ ބަލަމުންދާނަމަ، އެ ފަރާތެއްގެ ހުއްދަ ވަގުތީ ގޮތުން ސަސްޕެންޑު ކުރުމުގެ އިޚުތިޔާރުވެސް މި އުސޫލުގެ ދަށުން ވުޒާރާއަށް ލިބިގެންދެއެވެ. އަދި މި އުސޫލުގެ އެއްވެސް މާއްދާއަކާއި ޚިލާފުވެއްޖެނަމަ އެ ކުންފުންޏަކަށާއި އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެއްވެސް ފަރާތެއް ހިމެނޭ ކުންފުންޏަކަށް ކުރިއަށް އޮންނަ ތިން އަހަރު ދުވަހު އުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދަ ނުދެވޭނެކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން މި އުސޫލާއެކު އަހަރުގެ ކޮންމެ ހިސާބަކުވެސް އުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށައެޅޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. މިއީ އުމްރާއަށް މީހުން ގެންދާ ފަރާތްތަކަށް ލިބިގެންދާނެ ލުއިއެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.
އުމްރާއަަށް މީހުން ގެންދިއުމާއި ގުޅޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއްޔެ އާއްމުކުރި އާ އުސޫލަކީ، ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅިގެންދާނެ އުސޫލެކެވެ. އެގޮތުން އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން ޢަމަލު ކުރަން ޖެހޭނެ މުހިއްމު އެތައް ކަމެއް މި އުސޫލުގައި ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ކުންފުނިތަކުން ކުރާ ޢުމްރާ ދަތުރުތަކުގައި ދަތުރުގެ އިސްވެރިއެއްގެ ގޮތުގައި ޚާއްސަ މީހަކާއި، ދީނީ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ދީނީ މުރުޝިދަކާއި ސިއްޙީ ޙިދުމަތްތައް ފޯރުކޮށްދިނުމަށް 1 ނަރުސް ނުވަތަ 1 ޑޮކްޓަރު ހުންނަން ޖެހޭނެކަމަށް މި އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. މި ފަރާތްތަކަކީ އެއްވަގުތެއްގައި އެހެން ކުންފުންޏެއްގެ އެހީތެރިއެއްގެ ޒިންމާ އޮތް ފަރާތެއްކަމުގައި ވެގެން ނުވާނެކަމަށާއި ދަތުރުގައި ބައިވެރިވާ ސިއްޙީ އެހީތެރިޔާއާއި ދީނީ މުރުޝިދާއެކު ކުންފުނިން އެއްބަސްވުމެއް އެކުލަވާލާފައި އޮންނަން ޖެހޭނެކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މިކަންކަމަކީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުން މިހާރަށްވުރެ ހަރުދަނާ ކުރުމަށް އުސޫލުގައި ހިމަނާފައިވާ މުހިންމު ކަންކަން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.









