ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެ ސަރަހައްދަށް ވަރަށް ބޮޑަށް ވައިގަދަވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން މިއަދު ހާމަކޮށްފިއެވެ.
މެޓުން މައުލޫމާތު ދިންގޮތުގައި ރޭ ފަތިހު މާލެ ސަރަހައްދަށް ވިލާގަނޑުގައި ވަރަށް ބާރަށް ވައިގަދަވިއެވެ. އެގޮތުން ފަތިހު 5:40 ހާއިރު ގަޑިއަކު 58 މޭލުގެ ބާރުމިނުގައި ވައިޖެހުނު ކަމަށާއި މާދަމާ ފަތިހު ވެސް ވަރަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
މެޓް އޮފީހުން ފާއިތުވެދިޔަ 24 ގަޑިއިރުގައި އެކި ހިސާބުތަކަށް ވައިޖެހުނު މިންވަރު ރެކޯޑްކޮށް އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެންމެ ބާރަށް ވައިޖެހުނީ ބ. ދަރަވަންދޫއަށެވެ. އެ ރަށަށް ވިލާގަނޑުގައި ގަޑިއަކު 55 މޭލުގެ ބާރުމިނުގައި ވައިޖެހުނެވެ. ދެވަނައަށް އެންމެ ވައިގަދަވީ ހދ. ކުޅުދުއްފުށްޓަށް ކަމަށްވާއިރު، އެ ރަށަށް ވިލާގަނޑުގައި 47 މޭލަށް ވައި ގަދަވިއެވެ. ތިންވަނައަށް އެންމެ ވައިގަދަވީ ހދ. މަކުނުދޫއަށެވެ. މަކުނުދޫއަށް ވިލާގަނޑުގައި 46 މޭލަށް ވަނީ ވައިގަދަވެފައެވެ.
މެޓުން ބުނީ އެންމެ ވައިބާރުވި ކަމަށް ރެކޯޑް ކުރެވިފައި ވަނީ ނޮވެމްބަރު 3، 1978 ގައި ހުޅުލެއަށް ކަމަށާއި، އެއީ 71.3 މޭލުގެ ބާރުމިނުގައިގައި ކަމަށެވެ. އަދި ރާއްޖެއަށް މިހާތަނަށް އެންމެ ވައިގަދަވި ކަމަށް ރެކޯޑު ކުރެވުނީ މެއި 29، 1991 ގައި ކަމަށާއި، އެފަހަރު ސ. ގަމަށް ވިލާގަނޑުގައި ގަޑިއަކު 103.5 މޭލަށް ވައިގަދަވި ކަމަށް މެޓުން ބުންޏެވެ.
މި ވިއްސާރައިގައި ވައިގަދަވުމާ ގުޅިގެން، ކަނޑުދަތުރުފަތުރު ކުރާއިރު ސަމާލުވުމަށާއި، ކަނޑުމަތީގެ ސަލާމަތަށް ރައްކާތެރިވުމަށް މެޓުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.









