ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުންޏެވެ.
މެޓުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށެވެ. މި ސަރަޙައްދުތަކުގައި ގަޑިއަކު 24 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
މީގެ އިތުރުން، މެޓުން ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ހުދު ސަމާލެއްވެސް ނެރެފައެވެ. މި ސަމާލު ދެމިއޮންނާނީ މިރޭ 12:00 އާ ހަމައަށެވެ. މި ސަރަޙައްދުތަކުގައި ބޯކޮށް ވާރޭވެހުމާއި ގުގުރުމުގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
މެޓުން ވަނީ މިއަދު މެންދުރު 13:30 އިން ފެށިގެން މިރޭ 19:30 އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލުވެސް ނެރެފައެވެ.
ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި މަސްވެރިންނާއި އާންމު ރައްޔިތުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.









