މާލޭގައި ޢިމާރާތް ކުރާ ވަޤުފް ބިލްޑިންގްގެ ކުރެހުން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފިއެވެ.
މާލޭގައި އެޅުމަށް ހަމަޖެހިފައިވާ ދާރުލް އަރުޤަމް ވަޤުފް ޢިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މާލޭގެ 64 ނަންބަރު ކޮށީގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފައިވަނީ އެ ޢިމާރާތުގެ ކޮންސެޕްޓް ޑިޒައިން، ޑްރޯވިންގްސް، ބީއޯކިޔުއާއި، ޓެކްނިކަލް ސްޕެސިފިކޭޝަން، މެޓީރިއަލް ސްޕެސިފިކޭޝަން އަދި ޓެންޑާ ޑޮކިއުމެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭނެކަމަށް ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން ވުޒާރާއިން ބުނީ ހުޅުމާލޭގައި ދާރުއްސަލާމްގެ ނަމުގައިވެސް ވަޤުފް އިމާރާތެއް ބިނާކުރުމަށް ނިންމާފައިވާކަމަށާއި އެ ޢިމާރާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ވެސް ޢިއުލާނުކޮށްފައިވާ ކަމަށެވެ.
މި ދެ މަޝްރޫޢުއަކީ ވުޒާރާއިން މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢު ކަމަށް އެ ވުޒާރާއިން ބުންޏެވެ.









