އިސްލާމީ މަރުކަޒުގެ މުންނާރު އިތުރަށް ފުރިހަމަ ކުރުމަށް މުންނާރުގެ ތިރީގައި ހަދާފައިވާ މަސްފެންގަނޑު ހަލާކުވެ ގިނަ ދުވަސްތަކެއް ވެފައިވާތީ، މި މަސްފެންގަނޑު ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން މަރާމާތުކުރުމަށް އެކުންފުނިން ޝައުޤުވެރިކަން ފާޅުކޮށްފިއެވެ.
މި މަސައްކަތާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ އަދި ދެ މުއައްސަސާގެ އިސްވެރިން ވަނީ ބައްދަލުކުރައްވާފައެވެ.
އެ މަޝްވަރާއަށް ފަހު ރަސްމީ އެކްސް އެކައުންޓުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ގުޅިގެން އެ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް އެކުންފުނިން ކުރާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މަސައްކަތްތަކަށް ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.
މީގެ ކުރިން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒު ކައިރީގައި އެ ވުޒާރާއިން އަލަށް މަސްފެންގަނޑެއް ހަދަން ނޫޅޭ ކަމަށާއި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތް ގޮތުން މިވަގުތު މިބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ އެ ޢިއުލާނު ބާޠިލްކުރަން އަންގަވާފައިވާ ކަމަށެވެ.
ޝަހީމް ވިދާޅުވީ އެ ފެންގަނޑަކީ އިސްލާމީ މަރުކަޒު އެޅީއްސުރެ މުންނާރު ތިރީގައި އޮންނަ ފެންގަނޑެއް ކަމަށާއި އެތަން ހަލާކުވެފައި ހުރުމުން މަރާމާތުކުރުމުގެ މަސައްކަތެއް ފަށަން އުޅުނީ ކަމަށެވެ. ނަމަވެސް އެއްވެސް ޙާލެއްގައި އެ މިނިސްޓްރީން އަލަށް މަސްފެންގަނޑެއް ހަދަން އުޅުނީ ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ.
ސްޓެލްކޯއިން މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކޮށްފައި މިވަނީ އޭގެ ފަހުންނެވެ.
އިސްލާމީ މަރުކަޒަަށް 40 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން އިސްލާމީ މަރުކަޒު ސަރަޙައްދު ޒީނަތްތެރިކުރުމަށް ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.









