ފުޓްބޯޅަ ލެޖެންޑް އަންދްރޭސް އިނިއެސްޓާ އުމުރުން 39 އަހަރުގައި ފުޓްބޯޅައިން ރަސްމީކޮށް ރިޓަޔާކޮށް، ދަނޑުމަތީގައި ކުޅެމުންދިޔަ މޮޅު ކުޅުމުގެ ކެރިއަރު ނިންމާލައިފި އެވެ. އިނިއެސްޓާ އެންމެ ފަހުން ކުޅުނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެމިރޭޓްސް ކްލަބަށެވެ.
ރޭ ބާސެލޯނާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިނިއެސްޓާ ވަނީ ކުޅުން ހުއްޓާލިކަން އިއުލާން ކުރި ނަމަވެސް ކޯޗެއްގެ ގޮތުގައި ފުޓްބޯޅައިގައި ދެމިހުރުމަށް ބޭނުންވާކަން ކަށަވަރުކޮށްދީފަ އެވެ. “އަހަންނަށް ފުޓްބޯޅައާ ދުރުގައި ނުހުރެވޭނެ،” ކުޅިވަރަށް ހުންނަ ޝައުގުވެރިކަން ފާހަގަކޮށް އިނިއެސްޓާ ބުންޏެވެ.

ބާސެލޯނާގައި ހޭދަކުރި ދުވަސްވަރު އިނިއެސްޓާ އަކީ ޒާވީ ހަނާންޑޭޒް އާއި ސާޖިއޯ ބުސްކެޓްސްއާ އެކު ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ ވަރުގަދަ އެއް މިޑްފީލްޑަރެވެ. އޭނާ ވަނީ ލަލީގާގެ ނުވަ ތަށި ހޯދައި، ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ހަތަރު ފަހަރު އުފުލާލާފައެވެ.
އިނިއެސްޓާ ވަނީ ބައިނަލްއަގްވާމީ ކެރިއަރުގައި ވެސް ސްޕެއިންއަށް 131 މެޗު ކުޅެދީ، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ގޯލު ޖަހައިފަ އެވެ. އަދި 2008 ވަނަ އަހަރާއި 2012 ވަނަ އަހަރު ސްޕެއިން އަށް ބެކް ޓު ބެކް ޔޫރޯ ޗެމްޕިއަންކަން ހޯދައިދިނުމުގައި ވެސް އޭނާ ވަނީ އެހީތެރިވެދީފަ އެވެ.

އިނިއެސްޓާގެ ގިނަ ދުވަސްވީ ޓީމް މޭޓް ލިއޮނަލް މެސީ ވަނީ އިނިއެސްޓާ ރިޓަޔާ ކުރުމުން ހިތާމަ ފާޅުކޮށް، އެއީ ފުޓްބޯޅައަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް ބުނެފަ އެވެ.









