ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މިއަދުވެސް ބޯކޮށް ވާރޭ ވެހި، 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އިން ބުނެފިއެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި މިއަދު ހެނދުނު 10:00 އިން 14:00 އަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައިވާއިރު، އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
މީގެ އިތުރުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ވަނީ ނެެރެފައެވެ.
ރީނދޫ ސަމާލު ނެރެފައިވާ ސަރަޙައްދަށް ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު ފަހާއި ހަމައަށެވެ.
މެޓް އިން ބުނީ ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލާއި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގޭގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖެހުމަށާއި ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.









