މާލޭގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
މި ސްޓޭޝަން ޤާއިމްކުރަނީ ސްޓެލްކޯ ހެޑް އޮފީހާ އިންވެގެން އޮންނަ ދޮންއަދަރާދަ ހިނގުމުގައެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވި ގޮތުގައި މި މަސައްކަތް ދަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށެވެ. އަދި ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށާއި، ދާދި އަވަހަށް މި ސްޓޭޝަނުން ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ. މީގެ މަޤްޞަދަކީ ކާބަން ފުޓްޕްރިންޓް ކުޑަކުރުމާއި، ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑް އިތުރުކުރުމާއި މިފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުން ކަމަށް ފަހުމީ ވިދާޅުވިއެވެ.
މި ޗާޖިން ސްޓޭޝަން ތަރައްޤީކުރަނީ ހަތަރުފުރޮޅުލީ އުޅަނދުގެ އިތުރުން ދެފުރޮޅުލީ އުޅަނދުތައްވެސް ޗާޖުކުރެވޭ ގޮތަށެވެ.









