ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރުމަށް ލިބުނު މުހިންމު ފުރުޞަތެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވެފައިވަނީ، މި ދަތުރުފުޅުން ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް، އުންމީދީ އަދި އުފާވެރި ދުވަސްތަކެއް ކުރިއަށް އޮތް ކަމަށެވެ. އަދި މި ދަތުރުފުުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވާއިރު، މިއީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެއް ކަމުގައި ޤާސިމް ފާހަގަކުރެއްވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ޤާސިމް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއްވުމަށް ރައީސްއަށް އިލްތިމާސްކުރައްވާފައެވެ. މީގެއިތުރުން، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިޤްތިޞާދީ ތަރައްޤީގެ އައު އުސްމިންތަކެއް ހާސިލުކުރުމަށް އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ވަރަށް ވެސް މުހިންމު ގުޅުމެއްކަން ޤާސިމް ފާހަގަކުރެއްވިއެވެ.

މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ކުރިން މިއަހަރުގެ ޖޫން މަހު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގެންނެވީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ދިއްލީގެ މަގުތައް ވަނީ ޒީނަތްތެރިކޮށްފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރުގެ ފޮޓޯފުޅުތައް މަގުތަކުގައި ބަހައްޓާފައިވާއިރު، ދެ ޤައުމުގެ ދިދަތަކުން ނިއުދިއްލީ ވަނީ ޒީނަތްތެރިކޮށްފައެވެ.
މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ އިޤްތިޞާދީ އަދި ސިޔާސީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ވިޔަފާރި، ފަތުރުވެރިކަން، ތަޢުލީމު، ޞިއްޙަތު އަދި ސަލާމަތީ ކަންކަމުގެ ދާއިރާތައް ހިމެނެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އެ ޤައުމުގެ އެހެނިހެން އިސް ވެރިންނާވެސް ބައްދަލުކުރައްވާނެ ކަމަށް ބެލެވެއެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ މެދުގައި ކުރިއަށް އޮތް ތަނުގައި ގުޅުން ބަދަހިކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ލަފާކުރެވެއެވެ.
ޤާސިމް ފާހަގަކުރެއްވި ފަދައިން، މި ދަތުރުފުޅަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިޤްތިޞާދީ ތަރައްޤީގެ އައު އުސްމިންތަކެއް ހާސިލުކުރުމަށް މުހިންމު ފުރުޞަތެއް ކަމަށް ބެލެވެއެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވެ، ކުރިމަގުގައި އިތުރު ތަރައްޤީއާއި ކުރިއެރުން ގެނެސްދޭނެ ކަމަށް އުންމީދުކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަން އަލުން ހާމަކޮށްދޭ ދަތުރުފުޅެއްގެ ގޮތުގައި ބެލެވޭއިރު، މި ދަތުރުފުޅުގެ ނަތީޖާއަކަށްވާނީ ދެ ޤައުމުގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ފުޅާވެގެން ދިއުން ކަމަށް ގިނަ ފަރާތްތަކުން ލަފާކުރެއެވެ.









