ކުރިއަށް އޮތް ފަސް ދުވަހުވެސް މޫސުން ގޯސްވާނެތީ، މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އިން އިލްތިމާސްކޮށްފިއެވެ.
މެޓް އިން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ދެކުނު ސަރަޙައްދުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މުޅި ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ބުންޏެވެ.
މެޓް އިން ބުނީ ބޯކޮށް ވާރެ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލާއި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކަނޑު ދަތުރު ކުރާ ފަރާތްތަކުން ދަތުރުތައް ފެށުމުގެ ކުރިން މޫސުމުގެ އެންމެ ފަހުގެ އަޕްޓޭޑްތައް ހޯދައިގެން ފުރުމަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން ނެރުނު މޫސުމީ ސަމާލުގައި ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މިއަދު ހެނދުނު 11:00 އިން މެންދުރު 15:00 އަށް ރީނދޫ ސަމާލު ނެރެފައެވެ. މިއަދު ހެނދުނު 7:45 އިން 13:45 އަށް ހުދު ސަމާލު ނެރެފައިވާއިރު އެ ސަމާލުގައި ބުނެފައިވަނީ މި ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.









