ސަލާމަތީ މަސްދަރުތަކާއި ހަވާލާދީ އަލްޖަޒީރާއިން ބުނި ގޮތުގައި ހިޒްބުاللهގެ އައު ލީޑަރު ކަމަށް އަންނާނެ ކަމަށް ބެލެވޭ އަވަހާރަކޮށްލި ލީޑަރު ހަސަން ނަސްރުاللهގެ އާއިލީ ބޭބެ ހާޝިމް ސަފީއްދީނާއި ގުޅުން ކެނޑިއްޖެއެވެ.
ބައެއް މަސްދަރުތައް ބުނާ ގޮތުގައި އިސްރާއީލުން މިފަހުން ބެއިރޫތަށް ދިން ވަރުގަދަ ހަމަލާ ތަކަށްފަހު އޭނާގެ ހަބަރެއް ނުވެއެވެ. އިސްރާއީލުން ބުނާ ގޮތުގައި އެމީހުން ހަމަލާ ދީފައިވަނީ ހިޒްބުﷲގެ މަތީ އޮފިޝަލުން ތިބޭ މަރުކަޒު ތަކަށެވެ.
ހިޒްބުاللهގެ އެގްޒެކެޓިވް ކައުންސިލްގެ ޗެއާމަން ސަފީއްދީނަކީ މީގެ އެތައް އަހަރެއް ވަންދެން އެ ޖަމިއްޔާގެ އެންމެ މަތީ ރޭންކުގައި މަސައްކަތް ކުރައްވާ އެންމެ އިތުބާރު ހިފޭ އެއް ބޭފުޅެވެ. ފައިނޭންސް ކަންތައްތައް ވެސް ބަލަހައްޓަވައި އެ ޖަމާއަތުގެ ގިނަ ސިއްރުތައް އެންމެ ބޮޑަށް އެނގިވަޑައިގަންނަވާ އެކަކީ އެއީއެވެ..
ހުކުރު ދުވަހު ބެއިރޫތަށް ދިން ވަރުގަދަ ވައިގެ ހަމަލާ ތަކަށްފަހު އޭނާއާއި އެއްގޮތަކަށް ވެސް ނުގުޅޭ ކަމަށް ހަބަރުތައް ބުނާއިރު އެ ހަމަލާގައި މަރުވި މީހުންގެ ހަށިގަނޑު ހޯދުމަށް ހިޒްބުالله އިން އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށް ހަބަރު ލިބެއެވެ. އަދި ޞަފިއްދީނާއި އެޖަމާއަތާއިމެދު މައްސަލަތަކެއް ޖެހިގެން އުޅޭ ކަމުގެ އަޑުތަކެއް ވެސް ފެތުރިފައި ވެއެވެ.
ހިޒްބުاللهއާއި ހަވާލާދީ އަލްޖަޒީރާއިން ބުނާ ގޮތުގައި އެ ޖަމާއަތާއި ގުޅޭ ގޮތުން މީޑިއާގައި ފެތުރިފައިވަނީ ގޯސް ވާހަކަތަކެއް ކަމަށާއި އޭގައި އަސާސެއް ނެތެވެ. ނަމަވެސް ހިޒްބުﷲއިން އެހެން ބުނެފައި އެވަނީ ޞަފީއްދީނުއާއި ގުޅުން ކެނޑިފައިވާ ކަމުގެ މައްސަލައަށް ސީދާ އިޝާރާތް ކޮށްފައި ކަމެއް ސާފެއް ނުވެއެވެ. އަލްޖަޒީރާއިން ހިޒްބުﷲއާއި ހަވާލާދީ ބުނީ ރަސްމީ އެއްވެސް ބަޔާނެއް އަންނަން ޖެހޭނީ ސީދާ އެ ޖަމާއަތުން ކަމަށް ބުނެފައިވާ ކަމަށެވެ.









