އިސްރަށްވެހިންގެ ނާދީ އާއި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އިސްވެރިންނަށް ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ. ރޫޙާނީ އަގުތައް ހަރުދަނާކޮށް، އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މި މަސައްކަތް ފައްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡު އައްޝައިޚް އަޙްމަދު މައުމޫންއެވެ. 

"ޙަޔާތުގެ ފައިދާ ހެޔޮ ގޮތުގައި ލިބިގަންނާށެވެ." މި މައުޟޫއަށް ފޯކަސްކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އިސްރަށްވެހިންގެ މުޖުތަމަޢަށް އަމާޒުކޮށްގެން ދީނީ މުހިއްމު ކަންތައްތައް އޮޅުންފިލުވައިދީ ޒަކާތަށް ހޭލުންތެރިކުރުމުގެ މަސައްކަތްތައް ހިމެނޭ ގޮތަށް މިނިސްޓްރީން ކުރިން ކުރި މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ރިޕޯޓްކުރާ ގޮތުގައި ރާއްޖޭގައި ދިރިއުޅެނީ 20،553 އިސްރަށްވެހިންނެވެ. އޭގެ ތެރެއިން ގިނައީ އުމުރުން 65 އަހަރާއި 74 އަހަރާ ދެމެދުގެ މީހުންނެވެ.

އިސްލާމީ ތައުލީމާއި ހޭލުންތެރިކަމަށް ސަރުކާރުން ބާރުއަޅާ މިންވަރު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިއްޔެގެ ތަޤްރީރުން ވެސް ހާމަވެއެވެ. އެމަނިކުފާނު އިއްޔެ ވެސް ނަސޭހަތްތެރިވީ ގެ ހެޔޮކަންކަމަށް ހިތްވަރުދީ ނުބައިކަންތަކުން ދުރުވުމަށާއި ދީނީ ކަންތަކުގައި މަޝްއޫލުވުމަށެވެ. އިސްލާމީ ޝަރީއަތަށް ޝައުގުވެރިކަން އިތުރުކޮށް، އިތުރު ހާފިޒުން އުފެއްދުމަށް ސަމާލުކަންދީ، އުމުރަށް ބެލުމެއްނެތި ޒުވާނުންނާއި މުސްކުޅިން ވެސް އިސްލާމްދީނަށް ހޭލުންތެރި ކުރުމަށް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށާފައެވެ.