އާސަހަރާ މިސްކިތާއި ހިނަވާގެ މަރާމާތުކޮށް ޖާގަ އިތުރުކުރުމުގެ މަޝްރޫޢު ޢާމެދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހިތްޕުޅާވެ ވަޑައިގެންފިއެވެ.
އާސަހަރާ މިސްކިތް ހުޅުވުމަށްފަހު ރައީސް މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢު ފުރިހަމަވެފައިވަނީ އެމަނިކުފާނު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ގެންގުޅުއްވި ކޮންސެޕްޓާ އެއްގޮތަށް ކަމަށެވެ. އަދި މިތަނަކީ ރައްޔިތުން އެދޭފަދަ ފަސޭހަ ތަނަކަށް ވާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
"އުފާކުރަން އޭރު އަޅުގަނޑުމެން ބޭނުންވި ގޮތަށް ބޭނުންވި ފެންވަރުގަ ކޮންސެޕްޓުގަ މިތަން ހަދާ ނިމުނީމަ. ހަގީގަތަކަށް އެކަންވީމަ އުފާކުރަން. އުންމީދުކުރަން މި މިސްކިތަށް އަންނަ މީހުންނާ މި ފެސިލިޓީ ބޭނުންކުރާ އެންމެން އަދި މުވައްޒަފުންނަށް ފަސޭހަތަކެއްވާނެކަމަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން އާސަހަރާ މިސްކިތުގެ ޖާގަ ވަނީ ގާތްގަނޑަކަށް 3200 އަކަފޫޓަށް އިތުރުކުރެވިފައެވެ. މިސްކިތް ތަރައްޤީކޮށްފައިވަނީ ދެ ފަންގިފިލާއަށް، ވީހާވެސް ގިނަ މީހުންނަށް އެތަނުގައި ތިބެވޭގޮތަށެވެ. އަދި ނަމާދުކުރާ ތަނާއި ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދިއުމަށް އެންމެ ފަސޭހަ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
މާލޭ އާސަހަރާ މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އާސަހަރާ މިސްކިތުގެ ޖާގައިގެ ދަތިކަން ޙައްލުކޮށް، ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުރި ދަތިތަކަށް ޙައްލެއް ހޯދައިދިނުމެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި މަޝްރޫޢު ނިމުމުން އާއިލާތަކަށް އެންމެ ހިތްދަތި ވަގުތުގައިވެސް އެތަނުގައި ފަސޭހައިން ތިބެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.









