ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަން ހޯދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙުމަދެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއާގެ ސަފީރު ޑޭވިޑް ޖޭސަފްއެވެ.
މި އެއްބަސްވުމުގެ ދަށުން، 20 އަހަރުގެ ޤައުމީ ތަރައްޤީ ޕްލޭނެއް އެކުލަވާލުމާއި، އެކަމާ ގުޅޭ ފަންނީ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އޮސްޓްރޭލިއާ ސަރުކާރުން އެއްބަސްވެފައިވެއެވެ. މި މަޝްރޫޢުއަށް އޮސްޓްރޭލިއާ ސަރުކާރުން ޔޫއެންޑީޕީގެ އިންޓަގްރޭޓެޑް ގަވަނަންސް ޕްރޮޖެކްޓްގެ ދަށުން 900,000 އޮސްޓްރޭލިއަން ޑޮލަރުގެ އެހީ ދިނުމަށް ހަމަޖެހިފައިވެއެވެ.
20 އަހަރުގެ ދުރު ރާސްތާ ޕްލޭނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި ޕްލޭން އެކުލަވާލުމުގައި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި، ސިޔާސީ ޕާޓީތަކާއި އަދި އާންމު ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާ ހޯދުމަށް ވަނީ ހަމަޖެހިފައެވެ.









