ރާއްޖޭގެ ދެކުނަށް މިއަދު ކެރީގެ އަސަރު ފޯރާނެ ކަމަށާއި އެހެން ހިސާބުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މިއަދު ބުނެފިއެވެ.
އެގޮތުން މިއަދު އިރުއޮއްސި 18:00 އަށް މެޓުން ނެރުނު މޫސުމީ ލަފާގައި ބުނެފައިވަނީ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. ނަމަވެސް އެހެން ހިސާބުތަކުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފަވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ވައިޖެހޭނެ ކަމަށާ އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ވައިޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. ވައިގެ ބާރުމިން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދު ހުންނާނެ ކަމަށް ލަފާކުރެވޭއިރު، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާ އަދި ރާޅުގެ އުސްމިނުގައި 1-4 ފޫޓް ހުންނާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.








