ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވާނީ، ދިވެހިރާއްޖެއާއި ދިވެހި ޤައުމުގެ ޙައްޤުގައި ވަކަލާތުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ބްރޯޑްކާސްޓްކުރުމަކީ އަމާނާތެއްކަމަށާއި، އެއީ ވަރަށް ބޮޑު މަސްޢޫލިއްޔަތެއްކަމަށެވެ. އެހެންކަމުން މި މަސައްކަތުގެ މައިގަނޑު އަމާޒު ބައްޓަންކުރަންވާނީ ދިވެހިރާއްޖެއާއި ދިވެހި ޤައުމުގެ ޙައްޤުގައި ވަކާލާތުކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަސް، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، މިއީ މި ދުވަސް ފާހަގަކުރާތާ 62 އަހަރު ފުރޭ އަހަރެވެ. މި ދުވަސް ފާހަގަކުރަނީ ރާއްޖޭގައި ފުރަތަމަ ބްރޯޑްކާސްޓިން ފެށިގެން އައި އަހަރާއި ގުޅުވައިގެންނެވެ. 1962 ވަނަ އަހަރު ރާއްޖޭގައި ރަސްމީކޮށް ފުރަތަމަ ބްރޮޑްކާސްޓް ކުރަން ފެށީ ރޭޑިއޯ ޚިދުމަތެވެ. އަދި އޭގެފަހުން 1978 ވަނަ އަހަރު ޓީވީގެ ޚިދުމަތް ވަނީ ފަށާފައެވެ.
ސަރުކާރުން މި ޚިދުމަތްތައް ދެމުން އައިސް، 2006 ވަނަ އަހަރު ޕްރައިވެޓް ބްރޮޑްކާސްޓިންއަށް ފުރުޞަތު ހުޅުވާލިއެވެ.
ބްރޮޑްކާސްޓިން ދުވަސް ފާހަގަކުރަނީ ޤައުމު ބިނާކުރުމާއި ޑިމޮކްރަސީ އާލާކޮށް، ރައްޔިތުންގެ މެދުގައި ތަފާތު ދާއިރާތަކުން މަޢުލޫމާތުގެ މުއްސަނދިކަން އިތުރުކުރުމަށް ބްރޯޑްކާސްޓަރުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރުމަށެވެ.









