ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ އަންނަ ހޮނިހިރު ދުވަހު ހެނދުނު ބޭއްވުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނީ މި ޖަލްސާ އޮންނާނީ، އެ ދުވަހު ހެނދުނު 9 ޖަހާއިރު ދަރުބާރުގޭގައި ކަމަށެވެ.
މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މި ޖަލްސާގައި އޮންނާނެ އެންމެ ޚާއްޞަ އެއްކަމަކީ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، އިނާމާއި، ހަނދާނީ ލިޔުން ދެއްވުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ޖަލްސާގައި 28 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާ އިނާމު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.









