ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ، އެ ޤައުމުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓެއިންމަޔަރ އަށާއި، ޗާންސެލަރ އޯލަފް ޝޮލްޓްސަށް، އަރިސްކުރައްވައިފިއެވެ.
ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ރައީސް ސްޓެއިންމަޔަރ އަށް ފޮނުއްވި ސިޓީފުޅުގައި ރައީސް މުޢިއްޒު ވިދާޅުވީ، ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހަކީ، އެ ޤައުމު ބައްޓަންކުރުމުގެ މުހިއްމު ބަހާތަކެއް ކަމުގައިވާ އެއްބައިވަންތަކަމާއި ވިލުންތެރިކަމުގެ ރޫޙު ދައްކުވައިދޭ ދުވަހެއްކަމަށެވެ.
ޗާންސެލަރ ޝޮލްޓްސަށް ވަކިން ފޮނުއްވި ސިޓީފުޅުގައި ރައީސް ވަނީ، ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި، ރައީސް ސްޓެއިންމަޔަރ އާއި ޗާންސެލަރ ޝޮލްޓްސަށް ފުރިހަމަ ސިއްޙަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ޖަރުމަނުވިލާތުގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ، ހުޅަނގާއި އިރުމަތީ ޖަރުމަން ވަކިކުރެވިފައި އޮތް އޮތުން، 1990 ވަނަ އަހަރު ނިމުމަކަށްގެނައި ދުވަސް އިޙުތިފާލުކުރުމުގެ ގޮތުންނެވެ.









