ދިވެހިރާއްޖޭގެ އިސް ރަށްވެހީންގެ ތެރެއިން، ޤަދަރުވެރި، ޚިދުމަތްތެރި، ޝަޚްޞިއްޔަތެއް ކަމުގައިވާ ޢަބްދުލްމަޖީދު މާހިރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ޢަބްދުލްމަޖީދު މާހިރު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވީ މީސް މީޑިއާ މެދުވެރިކުރައްވައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ މެސެޖުގައި ޢަބްދުލްމަޖީދު މާހިރު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައިކަން ފާހަގަކުރައްވާފައިވެއެވެ.
މަރުޙޫމް ޢަބްދުލްމަޖީދު މާހިރަކީ، މާލޭ މުނިސިޕަލް ކައުންސިލްގެ ރައީސްކަމުގެ އިތުރަށް، ސަރުކާރުގެ އެކި އިދާރާތަކުގައި އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި މަރްޙޫމު މާހިރަކީ ދިވެހި ބޭސްވެރި ޙަކީމެއްގެ އިތުރުން ދިވެހި ތާރީޚާއި އާދަކާދައިގެ އެތައް މަޢުލޫމާތެއް މިއަދުގެ ޖީލަށް އޮޅުންފިލުއްވައިދެއްވި އުސްތާޛެއްކަމާއި ޤައުމަށް ޚިދުމަތްތެރި ޢިލްމީ ޤާބިލް ދަރީންތަކެއް ތަރުބިއްޔަތުކުރެއްވި އަގުހުރި ބައްޕައެއްކަން ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރުޙޫމް ޢަބްދުލްމަޖީދު މާހިރުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި އެ މަރުޙޫމް ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި ލެހެއްޓެވުމަށް އެދި ދުޢާ ދަންނަވަމުންނެވެ.









