ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމަށް ސުލްޙަވެރި ދިވެހިގޮތްތައް ހިފެހެއްޓުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ދުވަހުގެ ތަހުނިޔާ ފޮނުއްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގަލަކީ މިތުރުވެރިކަން ކަމަށެވެ. އަދި އެކުވެރިކަމާއި ހިތްހެޔޮކަމާއި އަމާންކަމާއި ރައްކާތެރިކަމަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހީންގެ ޞުލްޙަވެރި، އަދި އޮމާން ދިވެހި ގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރިކަމަށެވެ.

ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމެވީ 2021 ވަނަ އަހަރުއެވެ. އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހާ ދިމާކޮށް ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ނިންމެވީ ރާއްޖޭގައި ފުރަތަމަ ރިސޯޓެއް ހުޅުވި ތާރީޚާ ދިމާކޮށެވެ.
އެގޮތުން ، ރާއްޖޭގައި ފަތުރުވެރިކަން ފެށުނީ 1972 ވަނަ އަހަރުގައެވެ. މިއަދު ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމެވެ. ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ޝަރަފް ރާއްޖެއިން ވަނީ ވިދިވިދިގެން 4 އަހަރު ހާސިލްކޮށްފައެވެ.









