ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ފުޅާކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ މި ބަދަލު ގެނެސްފައިވަނީ 1 އޮކްޓޯބަރު 2024 ގެ 00:00 އިން ފެށިގެން ކަމަށެވެ.
މި ބަދަލަކީ ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ މި ބަދަލަކީ ސްޓެލްކޯގެ ޚިދުމަތް ފުޅާކޮށް، ޒަމާނާ އެއްހަމައެއްގައި ފައިތިލަ ހަމަ ކުރާ ޚިދުމަތްތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް އިތުރުކުރެވުނު ބޮޅެއް ކަމަށާއި މި ޚިދުމަތުގެ ސަބަބުން ރައްޔިތުންގެ އިތުބާރު އިތުރުވެ، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގައި ކުރިއަށް އެޅޭ ކާމިޔާބު ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ.
ސްޓެލްކޯގެ ހޮޓްލައިން 1545 އަށް ގުޅައިގެން ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާ ގުޅުންހުރި މަޢުލޫމާތު ލިބޭނެ ކަމަށާއި ކަރަންޓު ބިލްތަކާ ގުޅުންހުރި ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
މީގެ އިތުރުން، ސްޓެލްކޯ ކެއަރގެ ޚިދުމަތާއެކު ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާ މުޢާމަލާތު ކުރެވޭނެ އިންތިޒާމު ވެސް މިހާރު ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ.









