ސްޕެނިޝް ލީގުގައި ރޭ މެޑްރިޑުގެ ވާދަވެރި ދެ ކުލަބު ކަމަށްވާ ރިއަލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ. އެތުލެޓިކޯގެ ދަނޑު، ވަންޑާ މެޓްރޮޕޮލިޓާނޯގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ.
މި މެޗުގައި އެންމެ ފާހަގަކޮށްލެވުނު ކަމަކީ ދެވަނަ ހާފުގައި ރެފްރީ މެޗުގެ ކުޅުން ހުއްޓާލުމެވެ. އޭރު ރިއަލް މެޑްރިޑްގެ ކީޕަރު ޓިބާ ކޯޓުއާ ވަނީ ގޯލުގެ ފަހަތުގައި ތިބި އެތްލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުން ދަނޑުމައްޗަށް އެއްޗިހި އުކަމުންދާތީ އެކަމުގެ ޝަކުވާ ކޮށްފައެވެ. މިކަމާއި ގުޅިގެން ރެފްރީ ވަނީ ދެ ޓީމުގެ ކޯޗުންނާއި ވާހަކަދައްކައި، ކުޅުންތެރިން ވަގުތީގޮތުން ދަނޑުން ބޭރުކޮށްފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ 64 ވަނަ މިނެޓުގައި ރިއަލް މެޑްރިޑްުންނެވެ. އެއީ އެޑާ މިލިޓާއޯ ޖެހި ގޯލާ އެކުގައެވެ. ނަމަވެސް އެތްލެޓިކޯ މެޑްރިޑުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައި އެންޖަލް ކޮރެއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުން ރިއަލް މެޑްރިޑަށް 18 ޕޮއިންޓާއެކު ދެވަނަ ލިބިފައިވާއިރު، އެތްލެޓިކޯ މެޑްރިޑަށް އަށް މެޗުން ލިބުނު 16 ޕޮއިންޓާއެކު އޮތީ ތާވަލުގެ ތިންވަނައެވެ. ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއަށް އަށް މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ.









