އިސްރާއީލާއި ދެކޮޅަށް ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުالله އަވަހާރަވިކަން ހޮނިހިރު ދުވަހު ކަށަވަރުކޮށްދީ އިސްރާއީލާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާނުލާނެ ކަމަށް އިއުލާން ކޮށްފިއެވެ.
މީގެ ކުރިން އިސްރާއީލުގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ބުނެފައިވަނީ ހިޒްބުاللهގެ އިސްވެރިޔާ ހަސަން ނަސްރުالله ހުކުރު ދުވަހު ބެއިރޫތަށް ދިން ވައިގެ ހަމަލާއެއްގައި އަވަހާރަވެފައިވާ ކަމަށެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ބުނި ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ ބެއިރޫތުގެ ދެކުނުގައި އޮންނަ ދަހިޔާގައި ހުންނަ ހިޒްބުاللهގެ މައި މަރުކަޒަށް އަމާޒުކޮށް އިސްރާއީލުން ހަމަލާ ދިނީ އެތަނުގައި މަތީފަންތީގެ ބައްދަލުވުން ކުރިޔަށް ދަނިކޮށް ކަމަށެވެ.
އިސްރާއީލު ސިފައިން ބުނާ ގޮތުގައި މި ހަމަލާގައި ހިޒްބުاللهގެ ދެކުނު ފަރާތުގެ ކޮމާންޑަރު އަލީ ކާރްކީ އާއި އިތުރު ބައެއް ކޮމާންޑަރުން ވެސް ވަނީ ފުރާނަ ގެއްލުވާލާފައެވެ.
ހަސަން ނަސްރުالله އަވަހާރަ ކޮށްލުމަށް ހުކުރު ދުވަހު ވަރަށް ގިނަ ބޮން އެޅިއެވެ. އެގޮތުން ހަ ބުރީގެ އިމާރާތަކަށް ހަމަލާދީ ހަ މީހަކު ޝަހީދުވެ 91 މީހަކު ޒަހަމްވި ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ .
ހަސަން ނަސްރުالله އަކީ ވޭތުވެދިޔަ ތިރީސް އަހަރު ހިޒްބުاللهގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. އޭނާއާއި ބެހޭ މައުލޫ،ާތު ފޯރުކޮށްދިން ކޮންމެ މީހަކަށް އެމެރިކާއިން ވަނީ ބޮޑު އިނާމެއް ހުށަހަޅާފައެވެ.









