އުމުރުން 89 އަހަރުގައި މަޝްހޫރު އިނގިރޭސި ބަތަލާ ޑޭމް މެގީ ސްމިތު މަރުވެއްޖެއެވެ. ހެރީ ޕޮޓާ ސީރީޒްގައި ޕްރޮފެސަރ މިނާވާ މެކްގޮނަގަލްގެ ދައުރު އަދި ޑައުންޓަން އެބީގައި ވައިލެޓް ކްރޮލީގެ ދައުރު ފަދަ މަޝްހޫރު ދައުރުތައް އަދާކުރި ސްމިތު މަރުވެއްޖެކަން އޭނާގެ އާއިލާއިން ވަނީ މީޑިއާތަކަށް ޔަގީންކޮށްދީފައެވެ.
ސްމިތުގެ ދަރިން ކަމުގައިވާ ކްރިސް ލާކިން އާއި ޓޯބީ ސްޓެފަންސް، ޕަބްލިސިސްޓް ކްލޭއާ ޑޮބްސް މެދުވެރިކޮށް ބުނެފައިވާ ގޮތުގައި، ސްމިތު އަވަހާރަވެފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ނަމަވެސް އޭނާ އަވަހާރަވެފައިވަނީ ވަކި ބައްޔެއްގެ ސަބަބުން ކަމެއް އަދި އެނގިފައެއް ނުވެއެވެ.
މާގަރެޓް ނަތާލީ ސްމިތުގެ ނަމުން އުފަންވި ސްމިތު، ދުނިޔޭގެ އަލިކަން ދުށީ 1934 ވަނަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު އިނގިރޭސިވިލާތުގެ އެސެކްސްގެ އިލްފޯޑުގައެވެ. އުމުރުން 4 އަހަރުގައި އޭނާގެ އާއިލާ އޮކްސްފޯޑަށް ބަދަލުވިއެވެ. އަދި އުމުރުން 16 އަހަރުގައި އޮކްސްފޯޑް ޕްލޭހައުސްގައި އެކްޓިންގ ކިޔަވަން ފެށިއެވެ.
ސްމިތުގެ ފަންނީ ދިރިއުޅުން ފެށުނީ 1952 ވަނަ އަހަރު، އުމުރުން 17 އަހަރުގައި ޝޭކްސްޕިއަރުގެ "ޓެލްފްތް ނައިޓް" ގައި ވައިއޯލާގެ ދައުރުންނެވެ. އޭގެ ފަހުން 1956 ވަނަ އަހަރު ބްރޯޑްވޭގައި ފުރަތަމަ ފަހަރަށް ކުޅެން ނުކުތެވެ. އަދި ހަމަ އެ އަހަރު އޭނާގެ ފުރަތަމަ ފިލްމުން ފެނުނެވެ. ނަމަވެސް ފުރަތަމަ ސްކްރީން ކްރެޑިޓް ލިބުނީ 1959 ވަނަ އަހަރު ރިލީޒްކުރި "ނޯވެއާ ޓު ގޯ" އިންނެވެ.
ސްމިތުގެ ހުނަރުވެރިކަން ފާހަގަކުރެވި، ލޯރެންސް އޮލިވިއާގެ ނޭޝަނަލް ތިއޭޓަރ ކުންފުނީގެ ބައެއްގެ ގޮތުގައި ހިމެނުނެވެ. އަދި 1965 ވަނަ އަހަރު ރިލީޒްކުރި "އޮތެލޯ" ގައި އޮލިވިއާގެ ކޯ-ސްޓާރެއްގެ ގޮތުގައި ކުޅުނެވެ.









