މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލުމަށް ދުނިޔޭގެ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ. ޕްރިންސްޓަން ޔުނިވާސިޓީގައި ދެއްކެވި ތަގުރީރުގައި ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ކުރިމަތީގައި އޮތް ކުޑަ ޖަޒީރާ ގައުމެއްކަން ފާހަގަ ކުރައްވައި ރައީސް މުއިއްޒު ވަނީ ކަނޑުގެ ލޮނުގަނޑު މައްޗަށް ދިއުމުން ރާއްޖެއަށް ނުރައްކާ ވާނެކަން ފާހަގަކުރައްވައި މޫސުމީ އެޑެޕްޓޭޝަންގެ ބައިނަލްއަގްވާމީ މަސައްކަތްތައް އަވަސް ކުރުމަށް ގޮވާލައްވާފަ އެވެ.
ޕްރިންސްޓަންގެ ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް އެފެއާޒްގެ ދަރިވަރުންނާއި ފެކަލްޓީއާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖެއިން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ އެލާމް އަޅަމުން އަންނަތާ ދިހަވަރަކަށް އަހަރު ވެއްޖެ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ހަރުދަނާ ފިޔަވަޅުތަކާއި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ވަކާލާތުކުރުމުގައި އެންމެ ކުރީގައި ރާއްޖެއިން ހަރަކާތްތެރިވަމުންދާކަން ފާހަގަ ކުރެއްވިއެވެ
ގްލޯބަލް ކްލައިމެޓް އެކްޝަން އާއި ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (އެސްއައިޑީއެސް) ގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހަނދާން ކޮށްދެއްވައި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށް ރާއްޖެއިން ރާވާފައިވާ ބައެއް ޕްލޭންތައް ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖެއަށް މިނިވަންކަން ލިބުނުތާ 57 ދުވަސްތެރޭ އދ ގައި ބައިވެރިވެ ފެށުނީއްސުރެ މޫސުމީ ކަންތަކަށް ވަކާލާތު ކުރައްވަމުން ގެންދަވާކަން އަލިއަޅުވާލައްވަމުން އެމެރިކާގެ ނިއުޖާރޒީގައި ރޭ ޕްރިންސްޓަން ޔުނިވާސިޓީގައި އެމަނިކުފާނު ވަނީ މޫސުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެ ކުރަމުންދާ މަސައްކަތްތްކާއި އެސްއައިޑީއެސްއަށް މޫސުމަށް އެޑެޕްޓޭޝަން ފަންޑުތައް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ބައިނަލްއަގްވާމީ މާލީ އޮނިގަނޑުތަކަށް އިސްލާހު ގެނައުމަށް ކުރާ މަސައްކަތަށް ވެސް އަލިއަޅުއްވާލައްވާފައެވެ..
ކުދި ދައުލަތްތަކުގެ ފުރަތަމަ ބައިނަލްއަގުވާމީ ކޮންފަރެންސް ބޭއްވި 1989 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ކުރި މަސައްކަތްތަކާ ހަވާލާދީ ރައީސް ޑރ.މުއިއްޒު ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ އިންޒާރުދޭތާ ދިހަވަރަކަށް އަހަރު ވެއްޖެ ކަމަށެވެ.. އަދި ރާއްޖެ ކަހަލަ ބިން ތިރި ގައުމުތަކުގެ ނާޒުކުކަން ފާހަގަކުރައްވައި މޫސުމަށް އަންނަ ކާރިސާތަކަށް އަންނަ ބަދަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގްވާމީ ފަރާތްތަކަށް އިލްތިމާސް ކުރެއްވިއެވެ.









