މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށްގެންދިޔަ ފަޔާ ފައިޓަރުން ތަމްރީނު ކުރުމުގެ 29 ވަނަ ބެޗުގެ ކޯސް ނިންމާލައިފިއެވެ.
އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ހިނގާ އަލިފާނުގެ ޙާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ފަޔަރ ފައިޓަރުން ތަމްރީނު ކުރުމުގެ 29 ވަނަ ބެޗުގެ ކޯސް ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށާއި، މި ބެޗުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ 43 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
މި ތަމްރީނުތަކުގައި އޭވިއޭޝަން ސޭފްޓީ އާއި އިމަޖެންސީ ހާލަތްތަކުގައި ފުރިހަމައަށް އަމަލުކުރާނެ ގޮތްތައް ކިޔައިދީފައިވާނެ ކަމަށާއި، މި ކޯހުގައި އެއާޕޯޓާއި އެއާޕޯޓު ވަށައިގެންވާ ސަރަހައްދުގެ އިތުރުން މަތިންދާބޯޓުގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރަންވީ ގޮތުގެ ތަމްރީނުތައްވެސް ދީފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
މި ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ އެމްއޭސީއެލްގެ އިންހައުސް ޓްރެއިނަރުން ބޭނުންކޮށްގެން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލް އިން ކުރިއަށްގެންދިޔަ ފަޔާ ފައިޓަރުން ތަމްރީނު ކުރުމުގެ 29 ވަނަ ބެޗުގެ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާން، މި ކޯހުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ މި ކޯހުން އެމްއޭސީއެލްގެ އިންހައުސް ޓްރެއިނިން ނިޒާމުގެ ހަރުދަނާކަން ފެނިގެން ދިޔަ ކަމަށް ވިދާޅުވެފައެވެ. ލައްމާން އިތުރަށް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ކޯސްތައް ހިންގުމަށް ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
ވީއައިއޭގެ 'ކޯޑް އެފް ރަންވޭ' ކައިރީގައި ޒަމާނީ ވަސީލަތްތަކާ އެކު އާ ފަޔަރ ސްޓޭޝަނެއް ޤާއިމްކޮށް މި އަހަރުގެ ޖޫން މަހު ހުޅުވާފައިވާއިރު، މި ފަޔަރ ސްޓޭޝަނާ ގުޅޭގޮތުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ މި ފަޔަރ ސްޓޭޝަނަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ އެއަރޕޯޓް ފަޔަރ ރެސްކިއުގެ ކެޓަގަރީ 9 ގެ އެއާޕޯޓް ޝަރުތުތައް ފުރިހަމަވެ، އޭރޯޑްރޯމް ކެޓަގަރީ 10 ގެ އަލިފާން ނިއްވުމުގެ މިންގަނޑުތަކާ އެއްގޮތަށް ހުޅުވި ސްޓޭޝަނެއް ކަމަށެވެ.
ދެ ފަންގިފިލާ ހިމެނޭ މި އާ ފަޔަރ ސްޓޭޝަންގައި ތަމްރީނުތަކުގައި ބޭނުންކުރާނެ ތަނަކާއި ކޮންޓްރޯލް ސެންޓަރެއް ވެސް ހިމެެނެއެވެ. މީގެ އިތުރުން އެ ފަޔަރ ސްޓޭޝަންގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އުޅަނދުފަހަރަށް ޚާއްސަ ޖާގައެއް ހަދައި، އުޅަނދުފަހަރަށް ފަސޭހައިން ފެން ރީފިލްކުރެވޭނެ ޓޭންކެއް ވެސް ވަނީ ބަހައްޓާފައެވެ.









