ސެންޓިއާގޯ ބާނަބޭއުގައި ރޭ ކުޅުނު ލަލީގާގެ ފޯރިގަދަ މެޗުގައި ރިއަލް މެޑްރިޑުން ޑިޕޯޓިވޯ އަލަވޭސް 3-2 ލަނޑުން މޮޅުވެ ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާއި އެއްޕޮއިންޓަށް ފަރަގު ކުޑަކޮށްފިއެވެ. އެއީ ބާސާއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.
ރޭގެ މެޗުގައި ވެސް ފުރާންސުގެ ތަރި ކިލިއަން އެމްބާޕޭ ވަނީ ގޯލު ޖަހައި އޭނާގެ ފާހަގަކޮށްލެވޭ ގޯލް ޖެހުމުގެ ފޯމް ދަމަހައްޓާފައެވެ. ހޫނުމޫސުމުގައި ޕީއެސްޖީން ގެނައި ފޯވާޑް ވަނީ މި ސީޒަނުގައި ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި ރިއަލް ކުޅުނު ހުރިހާ މުބާރާތެއްގައި ގޯލު ޖަހާފައިކަން ވެސް ފާހަގަ ކުރެވެއެވެ.
އެމްބާޕޭ މިހާރު ވަނީ ހުރިހާ މުބާރާތެއްގައި މެޑްރިޑާއެކު ކުޅުނު ނުވަ މެޗުން ހަތް ގޯލު ޖަހައިފަ އެވެ. ސްޕެނިޝް ލީގުގައި އޭނާ ފަސް ގޯލު ޖެހިފައިވާއިރު، ބާސެލޯނާގެ ލީޑިން ސްކޯރަރު ރޮބަޓް ލެވަންޑޯސްކީ އާއި އަރާ ހަމަކުރަން މިވަގުތު ބޭނުމީ އެންމެ ގޯލެކެވެ.
ފުރަތަމަ މިނެޓުގައި ލޫކަސް ވަޒްކޭޒް ރިއަލްއަށް ކުރީކޮޅު ލީޑު ނަގައިދިންއިރު، އޭގެ ފަސް މިނެޓް ފަހުން އެމްބާޕޭ ވަނީ ޖޫޑް ބެލިންހަމްއާ ގުޅިގެން ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. ދެވަނަ ހާފުގެ ކުރީކޮޅު ރޮޑްރިގޯ ވަނީ ތިންވަނަ ގޯލެއް މެޑްރިޑަށް އިތުރުކޮށްދީފައެވެ.
އަލަވޭސްއިން ފަހު ހާފުގައި ޖެހިޖެހިގެން ދެ ގޯލު ޖެހީ ފަހު ވަގުތުގައެވެ. ފުރަތަމަ ލަނޑު، 85 ވަނަ މިނެޓުގައި ކާލޯސް ޕްރޮޓެސޯނީ ކާމިޔާބުކޮށްދިންއިރު، އޭގެ މިނެޓެއްފަހުން އަނެއް ގޯލު ޖެހީ ކީކޭ ގާސިއާއެވެ.
އެމްބާޕޭ އެންމެ ފަހުން ކުޅުނު ހަތް މެޗުގައި މިވަނީ ޖުމްލަ ހަ ގޯލު ޖަހާފައެވެ.









