އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ ހުއްދަ 9 އަމިއްލަ ފަރާތަކަށް ދީފިއެވެ. މި ހުއްދަތަކުގެ ދަށުން 5 މިސްކިތް ބިނާކުރަނީ މާލެ ސަރަޙައްދުގައެވެ. އަދި 4 މިސްކިތް ބިނާކުރަނީ އަތޮޅުތެރޭގައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މިސްކިތްތައް ބިނާކުރުމަށް އެ ފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މިގޮތުން ހުއްދަ ދެވިފައިވާ މިސްކިތްތަކުގެ ތެރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2 މިސްކިތާއި، ޒިކުރާ މިސްކިތް ހުރި ބިމުގައި އައު މިސްކިތެއް، އަދި ބަރުބަރީ މިސްކިތް ހުރި ބިމުގައި އައު މިސްކިތެއް ހިމެނެއެވެ.
އަތޮޅުތެރޭގައި މިސްކިތް އިމާރާތްކުރުމުގެ ހުއްދަ ދެވިފައިވަނީ ރ. އަލިފުށި، ހއ. އިހަވަންދޫ، ސ. ހުޅުދޫ އަދި ހދ. ނޮޅިވަރަންފަރުގައެވެ.
މީގެ އިތުރުން، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން 22 މިސްކިތެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ހިނގަމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި މީގެ ތެރެއިން 3 މިސްކިތެއްގެ މަސައްކަތް މިއަހަރުގެ ނޮވެންބަރުމަހަށް ނިންމުމަށް އަމާޒުކުރައްވާފައިވާކަމަށްވެސް މަޢުލޫމާތު ދެއްވިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވިގޮތުގައި، މިއަހަރުގެ ތެރޭގައި އަމިއްލަ ފަރާތަކުން ބިނާކުރި 2 މިސްކިތަކާއި، އެ ވުޒާރާގެ ބެލުމުގެ ދަށުން ބިނާކުރި 1 މިސްކިތެއް ވަނީ ހުޅުވާފައެވެ.









